އެންމެ އަވަހަށް މެރެތަންއެއް ނިންމި ފަސްޓްލޭޑީއަކަށް ފަޒްނާ

"ރަން އިން ލާމު 2019" ގައި މެޑަމް ފަޒްނާ ދުވެވަޑައިގަންނަވަނީ --- ފޮޓޯ// ރައީސް އޮފީސް

ސާޅީސް ދެ ކިލޯ މީޓަރަށް ދުވެ ފުލް މެރަތަންއެއް ދުވުމަކީ ކުރިން ރާއްޖޭގައި މަދު ބަޔަކަށް ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އެކަމަކު ފަހަކަށް އައިސް ދުވުމަކީ ހިތްހަމަ ޖައްސާލުމަށާއި ކަސްރަތެއްގެ ގޮތުގައި އަދި ސަކަރާތް ޖަހާލުމެއްގެ ގޮތުގައި ވެސް ކުރާ ކަމެއްގެ ގޮތުގައިވެ އެކަމުގެ ފޯރި ވަނީ ވަރަށް ގަދަޔަށް ހިއްޕާލައިފައެވެ. އެއާއެކު ދުވުންތެރިން އިތުރުވެ މެރަތަންތައް ފުރިހަމަ ކުރުމަކީ ނުވާނެ ކަމެއް ނޫންކަން ގިނަ ބަޔަކު އަންނަނީ ސާބިތުކޮށްދެމުންނެވެ.

އަދި އެކަންކަމުގެ ތެރެއިން ވެސް މިއަދު މިވަނީ ރާއްޖެއަށް މުޅި ދުނިޔޭގައި ވެސް ހާއްސަ ރެކޯޑެއް ލިބިފައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ފަޒޫ) ދެއްކެވި ހިތްވަރާއެކު އެކަމަކާ ވަނީ ފަސް ގަޑިއިރާއި 39 މިނަޓުން ފުލް މެރަތަންއެއް ނިންމާ މުޅި ދުނިޔޭގައިވެސް ފުލް މެރަތަނެއް އެންމެ އަވަހަށް ނިންމި ފަސްޓްލޭޑީގެ ޝަރަފު ހޯއްދަވައިފައެވެ.

މިއީ ހަމަގައިމުވެސް މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބޮޑު ފަޚުރެކެވެ.

މީގެ ކުރިން ގައުމެއްގެ ފަސްޓްލޭޑީއަކު މެރެތަންއެއް ދުވެވަޑައިގަތީ 2014 ވަނަ އަހަރުއެވެ. އެއީ ކެންޔާގެ ފަސްޓްލޭޑީ މާގަރެޓް ކެންޔަޓާއެވެ. ދެހާސް ސާދަވަނަ އަހަރު ލަންޑަން މެރެތަންގައި ދުވެވަޑައިގެން އެ ދުވުން ނިންމެވީ ހަތް ގަޑިއިރާއި ހަތަރު މިނިޓުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ދުވުމުގެ މައިދާނުގައި ކެންޔާގެ ދުވުންތެރިންނާ އަރާ ހަމަކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ފަސްޓްލޭޑީ ފަޒްނާގެ މެރެތަން ޓައިމިން ހާއްސަވަނީ މި ސަބަބާ ހުރެއެވެ. ފަޒޫ ރޭސް ފުރިހަމަކުރެއްވީ މާގަރެޓް ކެންޔަޓާއަށްވުރެ ދެ ގަދިއިރާއި 35 މިނިޓު އަވަހަށެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ޓީއެފްޖީގެ "ލާމު މެރަތަން"ގައި ފަޒްނާ ހޯއްދެއްވި ކާމިޔާބީ ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުރީފު އޮއްސަމުންނެވެ. އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގު (މަރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަޒޫއަކީ މެރެތަންއެއް ނިންމި ދެވަނަ ފަސްޓްލޭޑީކަމަށް ލަފާކުރެވޭ ކަމަށެވެ.

"ދިގު ރާސްތާ ދުވުމުގެ އެއްވެސް ކެޓަގަރީއަކުން ކެންޔާއަށްވުރެ ކުރި ހޯދުމަކީ މާސިންގާ މޮޅެއް،" މަރޭ ވިދާޅުވިއެވެ.

https://sun.mv/111803

މަރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ފަސްޓްލޭޑީ ފަޒްނާ މެރެތަން ނިންމަވާތަން ދައްކައެވެ. އެކަމަނާއަށް ފިނިޝް ލައިނުން މަރުހަބާ ކިޔައި، މެޑަލް ހަވާލުކޮށްދިނީ އެކަމަނާގެ ދަރިކަނބަލުން ސާރާ އައިޝާ އިބްރާހީމެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހުލޫފުވެސް ފަޒޫއަށް ތައުރީފުކުރައްވައި ޓްވިޓާގައި ވިދާޅުވީ މެރަތަންއެއް ފުރިހަމަކުރުމަކީ އެތައް ވަގުތަކއި ބުރަ މަސައްކަތާއި ގަދަ ހިތްވަރުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަނދާންވޭ މޮރިޝަސްގައި އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގެ ތެރޭގައިވެސް މި އިވެންޓަށް ތައްޔާރުވުމުގެ ގޮތުން އެކަމަނާ ޕްރެކްޓިސް ކުރެއްވި ހަނދާން، މިއީ ވަރަށް ގިނަ ވަގުުތުތަކަކާއި ބުރަ މަސައްކަތުގެ ނަތީޖާ،" މަހްލޫފްގެ ޓްވީޓުގައި އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ މިދިޔަ އަހަރު ވެސް ޓީއެފްޖީ އިން ލ. ގަމުގައި ބޭއްވި ރަން އިން ލާމުގެ ފަސް ކިލޯމީޓަރު މެރަތަން ފުރިހަމަ ކުރައްވާފައެވެ.

comment ކޮމެންޓް