ރަނގަޅީ މެޑަމްއާއި މަހާރެހެންދި ނުކިއްޔާ: ފަސްޓްލޭޑީ ފަޒްނާ

ބޭރު ގައުމުގެ އިއްޒަތްތެރީންގެ ޝަރަފުގައި ރައީސްގެ ދެކަނބަލުން ރޭ ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގައި ރައީސް އިބޫގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު (މ) އަދި ނައިބު ރައީސްގެ އަނބިކަނބަލުން ޝަމްސާދާ (ވ) -- ފޮޓޯ/ ރައީސް އޮފީސް

އިހުތިރާމަކީ މީހެއްގެ ނަމުގެ ކުރިއަށް އަންނަ ލަގަބަކުން ލިބޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ނަމުން މުހާތަބުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު (ފަޒޫ) އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ އެކަމަނާ އެދިވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ އެކަމަނާގެ ގޮތުގައި އެކަމަނާ ބަލައިގަތުން ކަމަށެވެ.

އަދި އެކަމަނާއާ މުހާތަބުކުރައްވާއިރު "މެޑަމް" ނުވަތަ "މަހާރެންދި" ފަދަ ލަގަބުތައް ބޭނުން ނުކުރެއްވިޔަސް ރަނގަޅުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

"ރަނގަޅުވާނެ ފަޒްނާ ނުވަތަ ފަޒޫ ވިދާޅުވިޔަސް. ކޮންމެހެން މެޑަމްއާއި މަހާރެހެންދިއާ، އެހެން މުހާތަބުނުކުރިޔަސް ރަނގަޅުވާނެ. އަޅުގަނޑަށް ރަނގަޅީ ވެސް އެހެން އެކަން ނުކުރެއްވިއްޔާ،" ރައީސް އިބޫގެ އަނބިކަނބަލުން ވިދާޅުވި އެވެ.

"ގިނަ މީހުން ފަޒޫ ކިޔާނީ ވެސް. އަޅުގަނޑަކަށް ހިއެއް ނުވޭ މީހުންނަށް ލިބެން ޖެހޭ އިހުތިރާމް ލިބޭނީ ކުރިއަށް އަންނަ ނަމަކުން ކަމަކަށް،"

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ (ފާތުން)އަށް އެމަނިކުފާނުގެ ސަޕޯޓަރުން "މަހާރެހެންދި" ފަދަ ލަގަބުތަކުން މުހާތަބުކުރި އެވެ. އަދި ފާތުން ވަނީ ޔާމީނުގެ ސަރުކާރުގެ ސިޔާސީ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ރައީސް އިބޫގެ އަނބިކަނބަލުން ވަނީ އެކަމަނާ މެދުވެރިކޮށް ސަރުކާރުގެ ކަންކަން ކުރުމަށް ބާރުއެޅުމުގެ އަމަލުތައް ނުކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ ދައުލަތުގެ ރަސްމީ މަގާމެއް ނޫނެވެ. އެހެންކަމުން އެ މަގާމުގެ ރަސްމީ މަސްއޫލިއްޔަތެއް ވެސް ނޯވެ އެވެ.

"އަޅުގަނޑު މެދުވެރިއަކަށް ނުހައްދަވައްޗޭ ސަރުކާރުން ކަންކަން ކުރުމަށް. އެއީ ކޮންމެ ގޮތަކަށް ވިޔަސް ރަނގަޅުކަމެއް ނޫން. އެ ސިޗުއޭޝަނަށް އަޅުގަނޑު ލީމާ އަޅުގަނޑަށްވެސް އުނދަގޫވާނެ،" ފަޒޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް ފަޒްނާ ވިދާޅުވީ އެކަމަނާއާ ރައްޔިތުންނާ އަބަދު ވެސް ބައްދަލުވާނެ ކަމަށެވެ.

"މިހާރު ވެސް ފޯނަށް މެސެޖުކޮށްފައި ހުންނަ މީހުންނަށް ނުހުންނާނެ ޖަވާބު ނުދީ. ފޯނެއް ކުރިޔަސް މިސް ވެދަނެ. އެ ވަގުތު ނުވިޔަސް އަޅުގަނޑު ބަލަން ރިޓާން ކުރެވޭތޯ، ދަންނަ މީހެއް ނުވިޔަސް،" ފަޒޫ ވިދާޅުވި އެވެ.

ފަޒްނާއަކީ ތައުލީމީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައި، މުދައްރިސެއްގެ މަގާމު އަދާކުރައްވާ ބޭކަނބަލެކެވެ. ފަޒްނާ ވަނީ މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަންވެސް ކުރައްވައިފަ އެވެ.

comment ކޮމެންޓް