ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާއިން އިތުރު ސަރަހައްދުތައް ކަރަންޓީނުކޮށްފި

ޗައިނާގެ ވޫހާން ސިޓީން އެހެން ސަރަހައްދަކަށް ދަތުރު ކުރި މީހުންގެ ހުން ހުރިތޯ ބަލަނީ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ޖެނުއަރީ 24): ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު އާ ބާވަތެއްގެ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ވޫހާންގެ އިތުރުން ބައެއް ސިޓީތައްވެސް އެ ގައުމުން ކަރަންޓީނުކޮށްފިއެވެ.

މިދިޔަ މަހު ފާހަގަކުރެވުނު އެ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އިއްޔެ ޗައިނާއިން ވަނީ ވޫހާންއަށް ވަދެ ނިކުމެ އުޅުން މަނާކޮށް އެ ސިޓީގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އެގޮތުން އެ ސިޓީގެ ރޭލު ސްޓޭޝަނާއި އެއާޕޯޓު ބަންދުކޮށް، ފެރީއާއި ސަބްވޭއާއި ބަހުގެ ހިދުމަތް ވަނީ ހުއްޓުވާފަ އެވެ.

މީގެ އިތުރުން މިއަދު ޗައިނާއިން ވަނީ ވޫހާންގެ ކައިރީ އޮންނަ ހަތް ސިޓީއެއްގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް މެދުކަނޑާލާފައެވެ. އެ ސިޓީތަކުގައި ތިބި މީހުންގެ އަދަދު 26 މިލިއަނަށް އަރާނެކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޗައިނާގެ ސަރުކާރުން ބުނާ ގޮތުގައި މިހާރު 830 މީހެއްގެ ހަށިގަނޑުން އެ ވައިރަސް ފެނިފައިވާ އިރު، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 26އަށް އަރާފަ އެވެ. އަދި ވޫހާން އޮންނަ ހޫބެއި ޕްރޮވިންސުގެ އިތުރުން އެހެން ސަރަހައްދުތަކަށްވެސް އެ ވައިރަސް ވަނީ ފެތުރިފަ އެވެ.

މީގެ އިތުރުން ޗައިނާގެ އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަމުންދާ މި ދަނޑިވަޅުގައި ސިންގަޕޫރު، ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ، ޓައިވާން، ވިއެޓްނާމް އަދި އެމެރިކާއިންވެސް އެ ވައިރަސް ވަނީ ފެނިފަ އެވެ.

ވޫހާންގައި ކަނޑުމަހާއި ހިޔަޅާއި އޫރާއި ހަރުފަ ފަދަ ޖަނަވާރުތައް ވިއްކަމުން ދިޔަ މާރުކޭޓަކުން ފުރަތަމަ ފެތުރުނުކަމަށް ބެލެވޭ އެ ވައިރަސް މިހާރު ދަނީ އިތުރަށް ތަހުލީލު ކުރަމުންނެވެ. އެ ވައިރަހުގެ ސަބަބުން ހުން އައުމާއި ނޭވާ ކުރުވުމާއި ކެއްސުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށް ހެލްތު އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ވައިރަހުގެ ސަބަބުން ޗައިނާގައި ސިއްހީ ކުއްލި ހާލަތެއް އިއުލާނުކުރަން ޖެހުނު ނަމަވެސް، އަދި ބައިނަލްއަގުވާމީ ގޮތުން ސިއްހީ ކުއްލި ހާލަތެއް އިއުލާން ކުރަން ނުޖެހޭކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް