ބްރިޖު މަތީ އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މިރޭ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓު: ސަން ފޮޓޯ/މުޒައްޔިން ނާޒިމް

ސިނަމާލެ ބުރިޖުމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދާދި ދެންމެއަކު ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން އަންހެނަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މަންޒަރުދުށް މީހުން "ސަން" އަށް ބުނީ އެކްސިޑެންޓު ހިނގީ ޓްރެފިކަށް މަޑުކުރުމަށްފަހު ކާރު ދުއްވާލި ވަގުތު، ފަހަތުން ދުއްވާފައި އައި ސައިކަލު، ކާރުގައި ޖެހިގެން ކަމަށެވެ.

އެ ސަރަހައްދަށް އެމްބިއުލާންސެއް އައިސް އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެކްސިޑެންޓު ހިނގިތާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ފަހުންނެވެ.

އެމްބިއުލާންސް އަންނަންދެން ހެލްމެޓު އަޅުވައި، އަންހެން މީހާ ބާއްވާފައި އޮތީ ބްރިޖު މަތީގައެވެ.

އެކްސިޑެންޓުވި ކާރު އަދި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށާއި، އެ އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

"ބޭރުފުށުން ސީރިއަސް ޒަޚަމެއް ފެންނާކަށް ނެެތް،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް