ބީއެމްއެލްގެ ސީއީއޯ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ޓިމޮތީ ސޯޔާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމޮތީ ސޯޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

ސޯޔާ ނަޝީދާއި ބައްދަލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައެވެ. އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތައް މަޖިލީހުން ހާމަކޮށްފައިއެއް ނުވެއެވެ.

ސޯޔާ ބީއެމްއެލްގެ ސީއީއޯ ކަމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.

ސޯޔާ ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހު އެވެ. އިނޮވޭޓް ޔޫކޭގެ ކުރިން ސޯޔާ މަސައްކަތް ކުރެރެއްވީ ސްޓާޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގަ އެވެ.

ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ސޯޔާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ކުއީން އެލިޒަަބަތު ދެއްވާ ކޮމާންޑަރު އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރު އޮފް ދި ބްރިޓިޝް އެންޕަޔާ (ސީބީއީ) އެވޯޑްވެސް ލިބިފައިވެއެވެ.

comment ކޮމެންޓް