ދަރިފުޅު ބޭނުންވަނީ އެތުލެޓިކޯއަށް ބަދަލުވާން: ކަވާނީގެ މަންމަ

ޕީއެސްޖީގެ ފޯވާޑް އެޑިސަން ކަވާނީ --- ފޮޓޯ// ޖޮން ފިޝާ

ކުލަބުގައި ހިތްހަމަ ނުޖެހޭކަން ރަސްމީކޮށް އިއުލާންކޮށްފައިވާ ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިސަން ކަވާނީ ދާން ބޭނުންވަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކަމަށް އޭނަގެ މަންމަ ބާރތާ ގޮމޭޒް ބުނެފި އެވެ.

ޕީއެސްޖީގެ ރެކޯޑް ގޯލްސްކޯރާ ކަވާނީއަށް އެ ކުލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު މަދުވާން ފެށީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނާއި އަލަށް އެކުލަބާއި ގުޅުނު މައުރޯ އިކާޑީ ގުޅުނު ފަހުންނެވެ. އެއާ އެކު ކުޅުމުގެ ފުރުސަތު ކަވާނީއަށް މަދުވުމުން އެ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާ ވަނީ ދާދި ފަހުން އިއުލާން ކޮށްފަ އެވެ.

ކަވާނީގެ އެ އިޝާރާތާ އެކު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން ވަނީ އޭނަގެ ސޮއި ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާއި ޓޮޓެންހަމްގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ވެސް ކަވާނީ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ޕީއެސްޖީއިން ކަވާނީ ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. އެއީ އެކުލަބުން ކަވާނީ ކުލަބު ދޫކޮށް ގޮސްދާނެތީ، އޭނާގެ އަގު ވެސް ކުރިއަށްވުރެން އިތުރުކޮށްފައި ވާތީ އެވެ.

އުމުރުން 32 އަހަރުގެ ކަވާނީ ވޭތުވެ ދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އިރު މިހާތަނަށް ރަސްމީކޮށް އޭނާ ހޯދަން ބިޑުކޮށްފައިވާ އެތުލެޓިކޯ މެޑްރިޑަށް އޭނާ ބަދަލުވާން ބޭނުންވާ ކަމަށް އޭނަގެ މަންމަ ބާރތާ ގޮމޭޒް ވެސް ވަނީ ބުނެފަ އެވެ.

"އަހަރެންގެ ދަރިފުޅު ޕީއެސްޖީގައި މިވަގުތު ހުރީ ހިތްހަމަ ނުޖެހިފައި. އޭނާ ބޭނުންވަނީ މި ޓްރާންސްފާ ނުވަތަ ސަމާ ޓްރާންސްފާގައި އެތުލެޓިކޯއަށް ބަދަލުވާން،" ކަވާނީގެ މަންމަ ބުންޏެވެ.

ބާރތާ ބުނީ ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ކަވާނީ ޕީއެސްޖީއަށް ކޮށްދިން ހިދުމަތަށް އެކުލަބުން އިހުތިރާމް ނުކުރާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅާ ދޭތެރޭ ކުލަބުން ކަންތައް ކުރަނީ ގޯސްކޮށް ކަމަށް ކަވާނީގެ މަންމަ ވަނީ ބުނެފަ އެވެ.

"އޭނާއަށް މިހާރު މަދުވަނީ ކުޅުމުގެ ފުރުސަތު. ސްޓަރައިކަރަކަށް ބޭނުންވާ ވަގުތު ނުލިބެންޏާ ފޯމު ވެސް ދިއުން އެކަށީގެންވޭ. އެފުރުސަތު އަހަރެންގެ ދަރިފުޅަށް ހައްގު."

އުރުގުއޭގެ ކްލަބް ޑަނޫބިއޯ އިން ކްލަބް ކެރިއަރު ފަށައި ކަވާނީ އެންމެ ފުރަތަމަ ޔޫރަޕުން ގުޅުނު ކްލަބަކީ އިޓަލީގެ ޕަލާމޯ އެވެ. އެ ޓީމަށް 2007 ވަނަ އަހަރު ބަދަލުވި ކަވާނީގެ ވިދުން ބޮޑަށް ގަދަވާން ފެށީ 2010 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވި ފަހުންނެވެ. އެ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީން ކަވާނީ ގެންދިޔައީ 2013 ވަނަ އަހަރު އެވެ.

comment ކޮމެންޓް