އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ލަފައަށް އެދި ފޮނުވި ސިޓީ ބާތިލުކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތަށް ނުވާތީ، އެކަމާ ބެހޭގޮތުން ފިގުހީ ލަފާ ހޯދަން އެޗްޕީއޭއިން ފޮނުވި ސިޓީ ބާތިލުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަންގަވައިފި އެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ ރައުޔު ބަޔާންކޮށްދެއްވައި ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް އެންގުމަށެވެ.

ފަތުވާ މަޖިލީހުގެ ރައުޔަކަށް މިނިސްޓަރު އެދިވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާތީ އެވެ.

ހެލްތު މިނިސްޓަރު އަބްދޫﷲ އަމީން މިއަދު އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް ފޮނުވި މެމޯއަކުން ވަނީ އެޗްޕީއޭއިން އެކަން ސާފުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލުކޮށްފައެވެ.

"އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން. އަދި ހިތްވަރުދޭކަމެއްވެސްނޫން. މިކަމުގައި ލަފައެއް ހޯދަން ޖެހޭ ހާލަތެއް އޮތް ކަމަކަށް ނުދެކެން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

https://sun.mv/130547

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން މީގެ ކުރިން ރާއްޖޭގައިވެސް އެކަން ކުރިއެވެ. އެކަން ކުރުން ހުއްޓުމަކަށް ގެނެވުނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފައެވެ. ނަމަވެސް އަދިވެސް ބައެއް ހިސާބުތަކުގައި އަންހެން ކުދިން ހިތާނުކުރުމަކީ ކުރާ ކަމެކެވެ.

comment ކޮމެންޓް