އެޗްޕީއޭއިން އެދިގެން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަނީ

އިސްލާމިކް މިނިސްޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ ރައުޔު ބަޔާންކޮށްދެއްވައި ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް އެންގުމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެކަމާ ގުޅިގެން ފަތުވާ މަޖިލީހުގެ ރައުޔަކަށް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާތީ ކަމަށެވެ.

އަދި ދީނީ ކަންކަން އޮޅުންފިލުވައިދޭން މިނިސްޓްރީއަށް ހުށަހެޅުމުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔަކަށް އެދުމަކީ އާންމު އުސޫލުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރުގެ ސިޓީއަށް، ފަތުވާ މަޖިލީހުގެ ޖަވާބެއް އަދި ލިބިފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔަކަށް އެދިފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައިވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފައެވެ.

ނަމަވެސް އަދިވެސް ބައެއް ހިސާބުތަކުގައި އަންހެން ކުދިން ހިތާނުކުރުމަކީ ކުރާ ކަމެކެވެ.

comment ކޮމެންޓް