މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ފަތާ ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގޮސް އޮތުމަށްފަހު ފަށައިފި އެވެ.
ސްވިމިން ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 120 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.
މާލޭގައި ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުން އަންނަ ފަތާ ޓްރެކް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް، މާޒިޔާ ކޮންސްޓްރަކަޝަނަށް ކުރިޔަށް ނުގެންދެވިފައި އޮތީ، ފަތާ ޓްރެކް ސަރަހައްދުގައި އަޅަން ގަސްތުކުރި އިމާރާތް އެޅުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
"މިއީ އަސްލު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން އެ ސަރަހައްދުގައި ހުންނަން ޖެހޭނެ ވަސީލަތްތަކެއް، އެއީ ފެތުންތެރިންވެސް އަދި އެ ސަރަހައްދު ބޭނުންކުރާ ސްކޫލް ކުދިންނަށްވެސް އެތަނުގައި ޗޭންޖް ކޮށްލެވެން، ފާހާނާ ކޮށްލެވެން ހުންނަންވާނެ. ދެން މިހާރުވެސް ހުރޭ ހިޔާގަނޑެއް، އެކަމު އެއީ އަދި އެންމެ ރަނގަޅު ގޮތްކަމަކަށް ނުދެކެން. އެހެންވީމަ މި މަސައްކަތް ނިންމާލެވުނީމަ މި ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ" މާޒިޔާ ކޮންސްޓްރަކްޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރެއްވި ދުވަހު މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.
ފަތާ ޓްރެކް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އެ ސަރަހައްދުގައި ޗޭންޖިންގް ރޫމަކާއި، ފެންވެރޭނެ ފާހާނާ ބަރިއެއް ގެ އިތުރުން، މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ދަނީ ހަދަމުން
އެގޮތުން ޓްރެކުގައި ހަދާ ސިޑިބަރީގައި އަޅާ ޝީޓުތަކާއި ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު ކައިރި މުސްތަގުބަލެއްގައި ބާކީ ހުރި ބައިތައް ވެސް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.