ޗައިނާ މާކެޓަށް ކުޑަ ކުރިއެރުމެއް، ބޮޑު ކުރިއެރުން އިންޑިއާއިން!

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: މޯލްޑިވްސް ނެޓް

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާ ޗައިނާގެ މާކެޓަށް ނިމިދިޔަ 2019 ވަނަ އަހަރު ލިބުނީ ވަރަށް ކުޑަ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޗައިނާއިން އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 284،029 އެވެ. މިއީ 2018 ވަނަ އަހަރު އައި 283،116 ފަތުރުވެރިންނާ އަޅާބަލާއިރު 0.3 އިންސައްތަ އިތުރު އަދަދެކެވެ.

ޑިސެމްބަރު މަހަށް ވަކިން ބަލާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ 3.5 ޕަސެންޓު ދަށްވެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގެ ގޮތުގައި ބެލެވޭ ޗައިނާގެ މާކެޓަށް ކުރިއެރުން އައި މިންވަރު ކުޑަ ނަމަވެސް 16.7 ޕަސެންޓުގެ މާކެޓް ހިއްސާއަކާއެކު 2019 ގައި އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައި ވަނީ އިންޑިއާ މާކެޓަށެވެ.

އެގޮތުން 2018 ވަނަ އަހަރު އިންޑިއާއިން ޖުމުލަ 90،474 ފަތުރުވެރިން އައި ނަމަވެސް މިދިޔަ އަހަރު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 166،030 އަށް ވަނީ އަރާފަ އެވެ. މިއީ 83.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 14.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް