ބޮޑީބިލްޑިންގް އަށް ގެނައި ބިދޭސީ ކޯޗު ފިލައިފި

ގައުމީ ބޮޑީބިލްޑިން ޓީމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ގައުމީ ބޮޑީ ބިލްޑިންގ ޓީމަށް ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ކޯޗު އަނޫރާގް އަނިލްކުމާރް ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މިދިޔަ އަހަރު ނޭޕާލުގެ ކަތަމަންޑޫގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ތިން ރަން މެޑެއްޔާއި ދެ ލޯ މެޑަލް ހޯދުމާ ގުޅިގެން ބީބީއޭއެމްއާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމުގައި ވެވުނު އެއްބަސް ވުމެއްގެ ތެރެއިން ގެނެވުނު އަނޫރާގް ފިލާފައިވާ ކަން ކުޅިވަރާ ބެހޭ މިނިސްޓްރީން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ގައުމީ ބޮޑީބިލްޑިން ޓީމަށް ހަމެޖެއްސި ބިދޭސީ ކޯޗު: އޭނާ މިހާރު ވަނީ ފިލައިގެން ގޮސްފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

އިނގިފައިވާ ގޮތުގައި އަނޫރާގް ފިލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ. އޭނާ ފިލާފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް އިނގިފައިނުވާ އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ބަތާމްގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިންގ މުބާރާތާއި ހިސާބުން ކޯޗާއި ބޮޑީބިލްޑިންގް އެސޯސިއޭޝަނާ ދެމެދު މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.

އެއީ ސިންގަޕޫރު މަގުން ފެރީގައި އިންޑޮނޭޝިޔާގެ ބަތާމްއަށް އެތެރެވާން އުޅުމުގެ ތެރޭގައި ޖެހުނު މައްސަލައެއްގަ އެވެ. ސިންގަޕޫރަށް ކޯޗު ގެންދިޔައީ އޭނާގެ ވިސާ ހަމަނުޖައްސައެވެ. އެހެންކަމުން ސިންގަޕޫރުގެ އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. އަދި އެ މައްސަލައިގައި ކޯޗު ގައިގަނޑަކަށް 10 ގަޑިއިރު ޑިޓެންޝަނުގައި ބޭންދިކަމަށް ވެސް ވެއެވެ.

އެކަމަކު އެއަށްފަހުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޓްރެއިނިންގް ތަކުގައި އޭނާ ބައިވެރިވި އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ހަބަރެއް ނެތުމުން ފުލުހުންނާ އެކު ގޮސް އޭނާ ދިރިއުޅޭ ކޮޓަރި ބެލުމުން އޭނާ އެތާނގައި ދިރި ނޫޅޭކަން ވަނީ އިނގިފަ އެވެ. އަދި ފުލުހުން ބެލި ބެލުމުގައި އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަން ވެސް ވަނީ އިނގިފަ އެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވާނީ މާލޭން ބޭރުގައި ކަމަށް މިނިސްޓަރު މަހްލޫފް ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް