އަކުރަމްގެ ދައުރު ހަމަވާތީ އީސީއަށް ކުރިމަތިލާން ހުޅުވާލައިފި

އީސީގެ ނައިބު އަދި ތަރުޖަމާން އަކުރަމް: އޭނާގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ މެންބަރު ކަމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި -- ފޮޓޯ/ ސަން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ މެންބަރު ކަމުގެ ދައުރު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ، އަންނަ މާޗް، 23 ވަނަ ދުވަހަށް އީސީގެ މިހާރު ހުންނެވި މެންބަރެއްގެ ދައުރު ހަމަވާތީ ކަމަށެވެ. ދައުރު ހަމަވަނީ އީސީގެ ތަރުޖަމާން ކަންވެސް ކުރައްވާ ކޮމިޝަންގެ ނައިބު އަކުރަމްގެ އެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 27ވާ ހޯމަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ.

ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މެންބަރެއްގެ މަގާމު މާޗަށް ހުސްވާއިރު، އީސީއިން ގެންދަނީ އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރީތައް ވަމުންނެވެ. ބެލެވޭ ގޮތުގައި އެ އިންތިހާބުގެ ކުރިން މެންބަރަކު ކޮމިޝަނަށް އައްޔަން ކުރާނެ އެވެ.

އެ ތައްޔާރީތަކުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދައުރު ހަމަވާ، މެންބަރު އަކުރަމް އެވެ. އަދި އޭނާ ވަނީ މީގެ ކުރީ، އިންތިހާބުތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. މީގެ އިތުރުން އީސީގެ ތަރުޖަމާންގެ ގޮތުގައި އީސީ އެކި ތަންތަނުގައި އޭނާ ގެންދަވަނީ ތަމްސީލް ކުރައްވަމުންނެވެ.

comment ކޮމެންޓް