މިނިސްޓަރަކަށް ވުރެ ކުރިން އަޅުގަނޑަކީ އިންސާނެއް: މިނިސްޓަރު މަހުލޫފު

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓުތަކުގައި ދަށު ދަރަޖައިގެ ބަހުރުވަ ބޭނުން ކުރައްވާފައި ހުރުމުން ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

މިނިސްޓަރު މަހުލޫފު އިއްޔެ ދަށު ދަރަޖައިގެ ބަހުރުވައިން ޓުވީޓުތަކެއް ކުރެއްވީ ދެކުނުގެ ރަށެއްގައި ތިންބަފައިން ވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ ދަށު ދަރަޖައިގެ ބަހުރުވައިން ޓުވީޓު ކުރެވުނީތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީހަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކަށް ވުމުން ރުޅި ކޮންޓްރޯލު ނުވީ. މިނިސްޓަރަކަށް ވުރެ ކުރިން އަޅުގަނޑަކީ ވެސް އިންސާނެއް. މައާފު." މައާފަށް އެދިވަޑައިގެން މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓުތަކުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުން ހަވަރަށް ދިނުމަށް ގޮވާލައި، އެއީ ޖަނަވާރުންގެ ގޮތުގައި ވަނީ ސިފަކުރައްވާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް އާންމުން މަހުލޫފުގެ ބަހުރުވައާ މެދު ހިތްހަމަ ނުޖެހިގެން ފާޑުކިޔަމުންދިޔަ އިރު، އެއްބަޔަކު ބުނަމުން ދިޔައީ މިނިސްޓަރަކަށް ވިޔަސް އެއީ ވެސް އިންސާނެއް ކަމަށެވެ.

ދެކުނު ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެއް މީގެ ދެ ދުވަސް ކުރިން ވަނީ ފެންމަތިވެފަ އެވެ.

އިއްޔެ އެ ތިންބަފައިން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.

comment ކޮމެންޓް