ހުޅުމާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅޭ ހުޅުމާލެ ފްލެޓް ކައިރީ އިހްތިޖާޖު ކުރަނީ --- ސަން ފޮޓޯ/ ޝަފްނާ ހުސައިން

ދެކުނުގެ ރަށެެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހުޅުމާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި އަށް މީހަކު ދޫކޮށްލައިފި އެވެ.

އިއްޔެ ހުޅުމާލެ 108 ނަންބަރު ފުލެޓު ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކުރީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ފިލައިގެން އުޅުމުންނެވެ. ފުލުހުން ފަހުން ވަނީ އެ ކުއްޖާގެ ބައްޕަ އެތަނުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ހިމެނޭ އެ ކުއްޖާގެ ކާފަޔާއި މުނިކާފަ ވެސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިއްޔެގެ މުޒާހަރާގައި ފުލުހެއްގެ ބޯވެސް ފަޅާލި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އެ ސަރަހައްދުގައި ހަނަޖުހެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް 27 މީހުން ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި އެއް އަންހެނަކާއި 26 ފިރިހެނުން ހިމެނޭ އިރު ފިރިހެނުންގެ ތެރޭގައި 18 އަހަރު ނުފުރޭ ތިން ކުދިން ވެސް ހިމެނެ އެވެ.

އަށާރަ އަހަރު ނުފުރޭ ތިން ކުދިން ރޭ ފަހުން ވަނީ ދޫކޮށްލައި އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި 18 އަހަރުން މަތީގެ ހަތަރު ފިރިހެނުންނާއި ހައްޔަރުކުރި އަންހެން މީހާ، ހަމަނުޖެހުންތަކާ ގުޅުމެއް ނެތުމުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއްވެ ތިބި އާންމުން ހަމަނުޖެހުން ހިންގަން ފެށީ ކުޑަކުއްޖާ ރޭޕްކުރިކަމަށް ތުހުމަތު ކުރާ ބައްޕަ ކޯޓު އަމުރެއް ނުލިބިގެން ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވި ލަސްވާތީ ކަމަށް ބުނެ އެވެ.

ކުއްޖާގެ ބައްޕަ ފިލާ އޮތް ގެއަށް އާންމުން ވަނީ ގާއުކައި، އެ ގޭ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.

ހަމަނުޖެހުން ކޮންޓްރޯލު ކުރުމަށްޓަކައި އެސްއޯ ފުލުހުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އާންމުން ވަނީ އެ ގޭ ބެލްކަނީގެ ދޮރު ވެސް ވައްޓާލާފަ އެވެ.

ހަމަނުޖެހުން ބޮޑުވީ އެތަނަށް އެއްވެފައި ތިބި އާންމުން ދުރުކުރަން ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހުމުންނެވެ.

comment ކޮމެންޓް