ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް: މައުމޫން

ރައީސް މައުމޫން ހަފްލާއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ އާއިލާގެ ބަޔަކު ވެގެން ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައަކީ ޖަނަވާރުގެ އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިފަކުރައްވައިފި އެވެ.

އިއްޔެ ފެންމަތިވި ޖެންޑާ މިނިސްޓްރީއިން ބަލަން ފެށީ ދެ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕަ އާއި ކާފަ އަދި މުނި ކާފަ ވެގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާ މައްސަލަ އެކެވެ.

އާންމުކޮށް އެގޮތަށް ފެންމަތިވާ މައްސަލަތަކުގައި ބަސްފުޅު ވިދާޅުނުވާ، ރައީސް މައުމޫން މިއަދުގެ ވަގުތެއްގައި އެ ހަބަރު ރީޓްވީޓް ކުރައްވަމުން ވިދާޅުވީ، ދެ އަހަރުގެ ތުއްތު ކުއްޖަކަށް، އޭނާގެ އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރުމުގެ ވާހަކައަކީ، ގަބޫލު ކުރަންވޭ ވެސް އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް މައުމޫން ވަނީ އެ ޓްވީޓްގައި ގޮވާލައްވައިފަ އެވެ.

"ގަބޫލު ކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް،" މައުމޫން ޓްވީޓް ކުރައްވާފައިވެ އެވެ.

އެ ކޭސްއާ ގުޅޭ ގޮތުން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އަނިޔާލިބުނު ދެއަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕައަކީ ވެސް ޑްރަގް އެޑިކްޓުންނެވެ. އޭނާގެ ބައްޕަ ވެސް ގުޅިގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އަންހެން ކުއްޖާގެ މަންމަ، މަސްތުވާތަކެތީގެ މައްސަލައެއްގަިއ މާލެ ގެނެސްފައި ވަނިކޮށެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އެ ކުޑަކުއްޖާ މިހާރު ވަނީ ޖެންޑާގެ ބެލުމުގެ ދަށުން މާލެ ގެނެސްފަ އެވެ.

އެ ރަށު ބައެއް މީހުން ބުނީ، އަންހެން ކުއްޖާ އޭނާގެ ބޮޑު ދައިތައެއްގެ ކައިރީގައި ބެހެއްޓުމަށް އޭނާގެ މަންމަ އެދުނު ނަމަވެސް، އެ ކުއްޖާގެ ބައްޕަ މީގެ ކުރިން އިންކާރުކުރި އެވެ. އަދި އެކަން ފަޅާއެރީ، އަންހެން ކުއްޖާގެ ބޮޑު ދައިތައަކު އެ ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ޖިންސީ ގުނަވަނަށް ތަދުވާ ކަމަށް ބުނެ އެ ކުއްޖާ ރޯން ފެށުމުންނެވެ. އަދި އެ ކުއްޖާ ޑޮކްޓަރަށް ގޮސް ދެއްކުމުން ޖިންސީ ގޯނާކޮށްފައި ހުރިކަން ޑޮކްޓަރު ޔަގީންކޮށްދިން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.

comment ކޮމެންޓް