އިތުރު ވާހަކައެއް މިވަގުތު ދެއްކުން ރަނގަޅެއް ނޫން: ފާއިޒް

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާ ދޭން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި ނިންމުމާމެދު އެެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާކަމަށް ފާއިޒް ވިދާޅުވެއްޖެއެވެ.

ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވުމުން އަމިނިކުފާނަށް އޭނާ ވަނީ ޝުކުރު ދަންނަވައިފައެވެ.

"އިތުރު ވާހަކަ ދެއްކުން މިވަގުތު ރަނގަޅެއް ނޫން" އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ.

ފާއިޒު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހަމަޖައްސަން ރައީސް ސޯލިހު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތީ، ޑިސެމްބަރު 17 ވަނަ ދުވަހު އެވެ.

ނަމަވެސް ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވި އިރު، ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި އެ ކޯޓުގެ އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބެލެވޭތީ، އޭނާ އެ މަގާމަށް އައްޔަން ކުރުމާ މެދު ލަފާދިނުން މަޑު ޖައްސާލަން ޖޭއެސްސީން ޑިސެމްބަރު 24 ވަނަ ދުވަހު ނިންމި އެވެ.

ލަފާ ދިނުން މަޑުޖައްސާލީ ފާއިޒްއާ މެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށެވެ. އަދި އެ ކަންކަން ބެލުމަށްފަހު އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަންކުރުމަށް ނުފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ބުނީ ފާއިޒް އަކީ އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސޯސްގެ ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްކަމަށް، "ސުޕްރީމުކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓު" އެކުލަވައިލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މަޝްވަރާ ކޮމިޝަނަށް ބަލައިގަނެ، ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސް އަށް ލަފާދޭން އެ ކޮމިޝަނުން ނިންމީކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވައިފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މަގާމުން ވަކިކޮށްފަ އެވެ.

ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނަވަނިކޮށް ފަނޑިޔާރުކަމުން ވަކިކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ކޯޓްތަކުގެ ގާނޫނަށް ޑިސެމްބަރު 2014 ގައި ގެނައި އިސްލާހަކަށް ފަހު އެވެ.

މިފަހުން އުއްތަމަ ފަނޑިޔާރަކަށް ހަމަޖެއްސި މުއުތަސިމް އަދުނާން އަކީވެސް، އޭރު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރެއްވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހަމަޖައްސަވަން ރައީސް ސޯލިހު މީގެ ކުރިން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުން ދާތީ، އެ ނަމާ މެދު ގޮތެއް ނިންމުން ޖޭއެސްސީ ވަނީ ފަސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝޫޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

comment ކޮމެންޓް