އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ރައީސް ސޯލިހްއާ ބައްދަލުކުރައްވައިފި

އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ރައީސް ސޯލިހްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް - އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަބްދުލް ހާމީދު އަލް ހަލީފާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ވަނީ އޮފިޑްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި އޮފިޑްގެ ފަރާތުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އޮފިޑުން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ ޢުމްރާނީ ތަރައްގީގެ ބައެއް މަޝްރޫޢުތައް ހިމެނެއެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުން ހިމެނެއެވެ.

ރާއްޖެ ތަރައްގީގެ މަގުގައި ކުރަމުންގެންދާ މަސައްކަތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި އޮފިޑުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ބައްދަލުވުމުގައި އަރުވައިފައެވެ.

ފަސް ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑިން އަދި އަށް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އޯޕެކް ފަންޑުން އެހީދޭން ވަނީ ނިންމައިފައެވެ. އެގޮތުން އެކަމަށް 50 މިލިއަން ޑޮލަރުގެ ލޯނު ދޭން މިއަދު ވަނީ ސޮއިވެސްކޮށްފައެވެ.

އޯޕެކް ފަންޑުގެ އެހީގައި މިހާތަނަށް ރާއްޖޭގައި 23 މަޝްރޫއެއް ހިންގާފައިވާއިރު އެ ޖަމްއިއްޔާ އިންވަނީ 200 މިލިއަން ޑޮަލަރަށް ވުރެ ބޮޑު އެހީއެއް އެކި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަށް ދީފައެވެ.

comment ކޮމެންޓް