ފަނޑިޔާރު ޝުޖާއުގެ އިތުރު މައްސަލައެއް ޖޭއެސްސީން ބަލަނީ

ފަނޑިޔާރު ޝުޖާއު އުސްމާން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝުޖާއު އުސްމާނާއި އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވާ ކަމަށާއި، އެ މައްސަލަތަކަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ބަލަން ނިންމާފައި ވީނަމަވެސް، އެކަމާ ގުޅޭ ތަފްސީލެއް ޖޭއެސްސީން ނުދެއެވެ. ޖޭއެސްސީން މިހާރު ވެސް އަންނަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެމްޕޭން ކޮށްދިންކަމަށް ތުހުމަތުކޮށް ފަނޑިޔާރު ޝުޖާއުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާކަން "ސަން"އަށް ވަނީ އެނގިފައެވެ.

ފަނޑިޔާރު ޝުޖާއުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބާއި ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގެ މައްސަލައެއް ބަލަން ވެސް ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފައެވެ.

އެ ދެ މައްސަލައިގެ ތަފްސީލެއް ވެސް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކުރަން އެ ކޮމިޝަނުން ނިންމާފައިވާތީ، އެ ޖުޑީޝަލް ދާއިރާ ހިންގުން ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްގާދިރު އާދަމްއާ ހަވާލު ކުރަން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް