ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތައް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ބައެއްގެ ލިސްޓެއް އެކުލަވާލާ ނަމަ، ހަމަ ގައިމުވެސް އެންމެ ކުރީގައި އޮންނާނީ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓެވެ. ދިވެހި ފިލްމުތައް އެއް ތައްގަނޑެއްގެ ހަދަމުން ދަނިކޮށް އެކަން ބަދަލުކޮށްލި ބަޔަކީ މުހައްމަދު އަލީ (މޮގާ) ގެ މޭސްތިރިކަމުގެ ދަށުން، ޑާކް ރެއިން އެންޓަޓެއިންމަންޓެވެ.
ފިލްމެއްގެ ހަމައެކަނި މަގްސަދަކީ ބެލުންތެރިން ރޮއްވުން ނުވަތަ ސިއްސުވާ ބިރުގެންނެވުންކަމުގައި ބެލެވިފައި އޮތް ދުވަސް ވަރެއްގައި އަދި ދިވެހި ފިލްމު ތަކަކީ ޒުވާނުންނާއި ބީރައްޓެހި އެއްޗެއްގެ ގޮތުގައި ބެލެވިފައި އޮތް އޮތުން އެއްކޮށްހެން ބަދަލު ކޮއްލުމުގައި ޑާކް ރެއިނަށްވުރެ ބޮޑު ބައެއް ކުޅުނު އެހެން ބައެއް ނެތޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ އެވެ. ސިނަމާތަކުން އިވޭ ހަމައެކަނި އަޑަކީ ރުއިމުގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްލާ ތަފާތު ޖޯންރާ ތަކުގެ ފިލްމު ވުޖޫދު ކުރުމުގެ ރިސްކް ނެގީ މި ޕްރޮޑަކްޝަން ހައުސް އެވެ. ޑާކްރެއިންގެ މަސައްކަތާ ނުލާ ދިވެހި ސިނަމާޔަށް ވަންނަމުން ދިޔައީ ހަމަ ހުސް އެއް އުމުރުފުރައެއްގެ އެއް ބައެކެވެ. އެއީ އެމީހުންވެސް އަބަދު އެއް ބާވަތެއްގެ ފިލްމެއް ބަލާ ފޫހިވުމާ ހަމައަށެވެ.
ޑާކްރެއިން ވުޖޫދަށް އައީ 2006 ވަނަ އަހަރެވެ. އެ ކުންފުނި އުފެދުނު އިރުވެސް ވިސްނުމަކީ އޭރު ސިނަމާތަކާއި ކުރު ފިލްމުތައް ހަދަމުން ދިޔަ ތައްގަނޑު ނަގާ އެއްލާލުމެވެ. އަދި އުފެއްދުންތެރި ބިނާކުރަނިވި އާ ގޮތްތަކެއް އިންޑަސްޓްރީއަށް ގެނައުމެވެ. އެގޮތުން އެ ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ކުރު ފިލްމުންވެސް އެކަން ރަނގަޅަށް ހާމަވެ އެވެ.
"ބަޑިއެދުރު" ގެ ނަން ދެވުނު އެ ފިލްމަކީ ޒުވާނުންގެ ޝައުގުވެރިކަން އަތުލައިގަނެވޭނެގޮތަށް އެދުވަސްވަރު ނުކުންނަމުން ދިޔަ ދިވެހި ފިލްމްތަކުގައި ބޭނުންކޮށްފައި ނުވާ ފެންވަރުގެ ޓެކްނިކަލް މަސައްކަތްތަކެއް ފެނިގެން ދިޔަ ފިލްމެކެވެ. އަދި ޒަމާނުއްސުރެ ރާއްޖޭގައި ދެކެވެމުންގޮސްފައިވާ ފުލޯކު ވާހަކައެއް، މި ޒަމާނަށް ފައްތާފައި އޮތް އޮތުމަކީ އެ ކުންފުނިން މަސައްކަތްތަކުގެ ފެށުމަކަށް ވުމެވެ. ހަމަ އެއާ އެކު އެ ކުންފުނިން އެންމެ ފުރަތަމަ ތައްޔާރުކުރި ފީޗާ ފިލްމު ހެޕީ ބާތްޑޭ އަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އެތަކެއް ތަފާތު ކަންތައްތަކެއް ތައާރަފްކޮށްދިން ފިލްމެކެވެ. އާންމުކޮށް ދިވެހި ފިލްމުތަކުގައި ފެންނަ ލޯބީގެ ވާހަކަތަކާއި ދިގު ލަވަތަކުން އެއްކިބާވެ ފެށުނީއްސުރެ ނިމެންދެން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ކަހަލަ ތްރިލާއެއް ގެނެސްދީގެންނެވެ.
އެ ފިލްމަކީ ކޮމާޝަލީ އެންމެ އެދެވޭ ހަރުފަތަކަށް ދިޔަ ފިލްމެއް ނޫނެވެ. އެހެން ނަމަވެސް އެވޯޑް ހަފްލާތަކުން އެ ފިލްމަށް ކީ ރަތް ދޫލައިގެ މަރުހަބާއެކެވެ. ދެހާސްއެގާރަވަނަ އަހަރު ދިވެހި ފިލްމު އެވޯޑްސްގެ 12 އެވޯޑާއި ގައުމީ ފިލްމް އެވޯޑްސްގެ ފަސް އެވޯޑް އުފުލާލާ މައިގަނޑު ހުރިހާ ދާއިރާއަކުން އެ ފިލްމު ކާމިޔާބު ހޯދި އެވެ.
ގިނަ ފަހަރު ކޮމާޝަލީ ފިލްމަކަށް ކާމިޔާބު ނުލިބޭ ހިސާބުން އެފަދަ ފިލްމުތަކަށް އަލްވަދާއު ކިޔާ އާންމުންގެ އެދުންތަކަށް ބޯލަނބާ އެއިރެއްގައި ހިނގާނެކަމަށް ގަބޫލުކުރެވޭ ފިލްމުތަކާ ދިމާއަށް މިސްރާބު ޖަހަ އެވެ. އެހެން ނަމަވެސް ޑާކް ރެއިންގެ އަމާޒަކަށްވީ އާންމުން އެ ޖޯންރަތަކަށް ލޯބި ޖެއްސުމަށްޓަކައި އެފަދަ އިތުރު ފިލްމުތައް އުފެއްފުމެވެ. އަދި ފިލްމުތަކުގެ ކޮލިޓީ އެއްވެސް މިންވަރަކަށް ކޮމްޕްރޮމައިޒް ނުކުރުމެވެ. އެގޮތުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވުނު އާޓް ފިލްމަކީވެސް ހަމަ މި ކުންފުނީގެ ފުރިހަމަ އުފެއްދުމެކެވެ. 2014 ވަނަ އަހަރު ނެރުނު 'ހުޅުދާނަކީ' ވަޒީފާއިން މުސްކުޅިކުރާ އުމުރުން ދުވަސްވީ މީހަކު ދިރިއުޅުމުގެ މަގްސަދު ހޯދުމަށް ކުރާ މަސައްކަތެވެ. އާންމުކޮށް ދިވެހި ސިނަމާތަކުން ނުފެންނަވަރުގެ ފުން އަދި ކޮމްޕްލެކްސް ސްކްރިޕްޓަކާ މަލްޓި ލެޔަޑް ކެރެކްޓާތައް ހިމަނައިގެން ތައްޔާރުކުރި މި ފިލްމަކީ ހަގީގަތުގައި އެ ފިލްމެއް ބަލާލުމުން މޮޅު ފިލްމެއް ބަލާލެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބިގެންދާ ފިލްމެކެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެއް ޕްރޮޑިއުސާ އަދި ޑާކްރެއިން އޭގެ ފަހުން ހެދި އެންމެ ކާމިޔާބު ފިލްމުތަކުގެ ސްކްރީން ރައިޓަރު އާއިޝަތު ފުއާދުގެ އަލަތު ޑައިރެކްޝަނަކީ ފޫހިކަމެއް ނެތި ބަލާ ނިންމާލެވޭނެ މޮޅު ފިލްމެކެވެ. ހުޅުދާނަކީވެސް، އާންމުކޮށް ދިވެހި ފިލްމުތައް ހަދަމުން އައިސްފައިވާ ތައްގަނޑު ނަގާ އެއްލާލުމަށް ޑާކްރެއިން އިން ކުރަމުން އައި މަސައްކަތުގެ ކާމިޔާބު ބޮޅެކެވެ. ގައުމީ ފިލްމު އެވޯޑުގައި ރަންވަނަތައް ހާސިލްކުރި މި ފިލްމަކީ ކަލްޓް ހިޓެކެވެ.
ފިލްމެއް އުފެއްދުމަށް ބޭނުންވާ މައިގަނޑު ކަންކަމަކީ އެންމެ ފުރަތަމަ ފީޗަރ ފިލްމެއް 1906 ވަނަ އަހަރު އޮސްޓްރޭލިއާގައި އުފެއްދި އިރުއްސުރެވެސް ބަދަލުވުމެއް ނެތި ހުރި ކަންކަމެވެ. ދަ ސްޓޯރީ އޮފް ދަ ކެލީ ގޭންގް ގެ ނަމުގައި އުފެއްދި މި ފިލްމަކީ ފުރަތަމަފަހަރަށް 60 މިނިޓްގެ ދިގުމިނަށް ސްކްރިޕްޓެއް ބޭނުންކޮށްގެން އުފެއްދި ފިލްމެވެ. މި ވޭތުވެދިޔަ 114 އަހަރުގެ ތެރޭގައި ފިލްމެއް އުފެއްދުމުގެ މައިގަނޑު އަސާސްތައް އަދިވެސް ހުރީ ހަމަ އެގޮތަށެވެ. ދިވެހި ރާއްޖޭގައި ފިލްމު އުފައްދަން ފެށުނުއިރުގައި އެކަން ކޮށްފައިވަނީ އެކަން ކުރުމުގެ ތަމްރީނަށްވުރެ އެހެން މީހުން އެކަން ކުރާ ގޮތަށް ވިސްނައިގެންކަމުގައި ބުނެވިދާނެއެވެ. އަދި އެންމެ ފުރަތަމަ އުފެއްދި ގިނަ ފިލްމު ތަކަކީ، ތާރީޚީ ވާހަކަތަކަށް ބިނާކޮށް ހެދުނު ފިލްމުތަކާ ބޭރުގެ ބައެއް ފަންނުވެރިން ރާއްޖޭގައި ދިވެހި އެކްޓަރުންނާއި އެގައުމުތަކުގެ އެކްޓަރުން މަސްހުނިކޮށްގެން ހަދާފައިވާ ފިލްމުތަކެވެ.
އެ ފިލްމުތަކަކީ އަދިވެސް ދިވެހިން ބަލާހިތްވާ އަދި ޝައުގުވެރިވާ ފިލްމުތަކެވެ. އެހެންނަމަވެސް ދިވެހި ފިލްމު އިންޑަސްޓްރީގެ ދުވެލި އައީ އެންމެ އެދެވޭ ސްޕީޑެއްގައެކޭ ބުނެވޭކަށް ނެތެވެ. ދިވެހި ފިލްމު އުފައްދަން ފެށުނު ހިސާބަށް ބަލާލާއިރު އެ އިންޑަސްޓްރީގެ ޓެކްނިކަލް ބައިން ފެށިގެން އެކްޓިން އާ ހަމައަށްވެސް އެންމެ އެދެވޭ ދުވެލި ފެނިގެނެއް ގޮސްފައެއް ނުވެއެވެ. އޭގެ އެއް ސަބަބަކީ ފަހަރުގައި ފިލްމު އުފެއްދުމުގެ މަސައްކަތް ވައިގައި ހިފަމުން އައި ދުވަސްވަރު ޒުވާން މުސްތަގްބަލަށް ފިލްމު އިންޑަސްޓްރީ ގެންގޮސްދިނުމުގެ ވިސްނުން ހުރި މީހުން ހަރަކާތްތެރި ނުވުންކަމަށް ވެދާނެއެވެ. އެ ވިސްނުން ބަދަލުކޮށްލާ ދިވެހި ފިލްމަކީވެސް 'ހިޕް' 'ހެޕަނިން' އަދި 'ޔޫތު އޮރިއެންޓެޑް' އެއްޗެހިތަކެއްގެ ގޮތުގައި ހެދުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރީވެސް ހަމަ ޑާކްރެއިން އެންޓަޓެރިންމަންޓެވެ.
އެކަމަށްޓަކައި އެތައް މުހިންމު އާ ކަންތައްތަކެއް ދިވެހި ސިނަމާއަށް ތައާރަފް ކުރިއެވެ. އެގޮތުން ފުރަތަމަ ދިވެހި ތްރީޑީ ފިލްމަކީވެސް ހަމަ މި ކުންފުނިން ދިވެހި ފިލްމީ އުދަރެހަށް ފަހިކޮށްދިނީވެސް ޑާކްރެއިން އިންނެވެ. ފަތިސްހަނދުވަރުގެ ފެށުމަކީ ދިވެހި ގިނަ ބަޔަކު ބަލައިގައިން ފިލްމެކެވެ. އަދި އެ ފިލްމަކީ މުޅި ފިލްމު އިންޑަސްޓްރީއަށް އިންގިލާބުތަކެއް ގެނައި ފިލްމެއްވެސް މެއެވެ. މީގެ އިތުރުން ޒުވާނުންގެ ހާއްސަކޮށް ދިވެހި ފިލްމުތަކާ ބީރައްޓެހި އަދި ދިވެހި ފިލްމުތައް ދެކެ ފޫހި ވެފައިވާ ޒުވާނުންގެ ހިތްތައް ދިވެހި ސިނަމާއަށް ލަންބާލުމުގެ ނިޔަތުގައި މި ކުންފުނިން ތައްޔާރުކުރި ހުރިހާ ފިލްމުތަކަކީވެސް ނުހަނު ކާމިޔާބު އަދި އެހާމެ ހިތްގައިމު ފިލްމުތަކެވެ.
އެންމެ ފަހު ވިންދާ ޖެހެންދެން، ވާށޭ މަށާއެކީ، މީ ލޯތްބަކީ، ވަކިން ލޯބިން މި ހުރިހާ ފިލްމުތަކަކީވެސް އާންމުކޮށް ދިވެހި ފިލްމުތައް ހަދަމުން އައިސްފައިވާ ތައްގަނޑު އެއްލާލުމަށްފަހު މުޅިން އާ ފޯމިއުލާތަކެއްގެ މައްޗަށް ވުޖޫދުކުރެވިފައިވާ ފިލްމުތަކެކެވެ. ޒުވާން އެކްޓަރުން ބޭނުންކޮށްގެން ހެއްވާ މަޖާ ހާދިސާތަކާ ހިތާމަޔާ ލޯބިވެސް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މި ފިލްމު ތަކަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ މި ތޭރަ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ އާދަޔާ ޚިލާފު ޚިދުތަތްތަކެކެވެ.
ދެހާސް އަށާރަ އަދި 19 މި ދެ އަހަރަކީ އަނެއްކާވެސް ޑާކްރެއިން އެންޓަޓެއިންމަންޓުގެ މުހިންމު މައިލްސްޓޯންތަކެއް ވުޖޫދުކުރި ދެ އަހަރެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ހެދުނު އެންމެ ތަފާތު އެއް ފިލްމުކަމުގައިވާ ގޮށްރާޅާއި، ފިލްމު ބަލަން ދިޔަ އެންމެން ހެމުން ހެމުން ގޮސް ރޮވުނު އެއް ފިލްމުކަމުގައިވާ މާމުއި އަކީ ފިލްމު ބެލުންތެރިން ޑާކްރެއިންއަށް ކުރާ އިތުބާރު ދެމި އޮތް ދެ ސަބަބޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ގޮށްރާޅަކީ އެކްޝަން ތްރިލަ އެކެވެ. ދިވެހި ސިނަމާއާ އެހާ ރައްޓެހި ޖޯންރާއަކަށް ނުވިއަސް، އެ ޖޯންރާއަކީވެސް ދިވެހިން ބަލައިގަންނާނެ ޖޯންރާއެއްކަން ސާބިތުކޮށްދިނީ، މޫމުން ފުއާދުގެ ސްކްރިޕްޓަކަށް އަހްމަދު ޝިނާނު ޑައިރެކްޓުކުރި މި ވަރުގަދަ އުފެއްދުމުންނެވެ. ހަމަ މިއާއެކު ރާއްޖޭގައި ކޮމެޑީއަކީ ހަމައެކަނި ހުތުރު ޖޯކުތަކުން އެކަނު ގެނެވޭނެ އެއްޗެއް ނޫންކަން ސާބިތުކޮށްދިނީ، މަލްޓި ލެޔަޑް ސްކްރިޕްޓަކާއެކު، ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން މާމުއި އިންނެވެ. އައިޝަތު ފުއާދާއި އަހްމަދު ތަލާލްގެ ސްކްރިޕްޓަކަށް އަލީ ޝިފާއު ޑައިރެކްޓުކުރި މި ފިލްމަކީ ނަން މަޝްހޫރު އެތަކެއް ސްޓާރުންނާއެކީ އުފެއްދި ފިލްމަކަށް ވީނަމަވެސް، އެއިން ކޮންމެ ކެރެކްޓައަކީވެސް ހަމަ ފިލްމު ބަލަން ދިޔަ ކޮންމެ މީހެއްގެ ޝައުގުވެރިކަން ހޯދި ކެރެކްޓައެކެވެ. ފިލްމުގެ ލިޔުން ކަންފަސޭހަނުކޮށް ޑައިރެކްޝަން ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވީ މި ފިލްމުގެ ހުރިހާ ޝޯތަކެއްވެސް ހައުސްފުލްކަމާއެކު ކުރިއަށް ދިއުމެވެ.
ފާއިތުވެދިޔަ ތޭރަ އަހަރުދުވަހު ޑާކްރެއިންއިން ސާބިތުކޮށްދިން އެންމެ މުހިންމު އެއްކަމަކީ މި ކުންފުންޏަކީ ފަސްއެނބުރި ބަލާ ކުންފުޏެއް ނޫންކަމެވެ. ކުންފުނީގެ މައި ތަނބުކަމުގައި ވާ މުހަންމަދު އަލީ (މޮގާ) ގެ ވިސްނުމަކީ އެއްދުވަހަށްވުރެ އަނެއް ދުވަހެއް ފިލްމު ހެދުމުގެ މަސައްކަތުގައި ކުރިއެރުމެވެ. އެގޮތުން މިހާރުވެސް މި ކުންފުނީގެ ފިލްމުތައް ހަދާފައިހުންނަނީ އެންމެ ފަހުގެ، އެންމެ ފެންވަރުރަނގަޅު އިކުއިޕްމަންޓްތައް ބޭނުންކޮށްގެންނެވެ. ޑްރޯންތަކާ ކެމެރާތަކާއި ޕޯސްޓް ޕްރޮޑަކްޝަން އަދި ސްޕެޝަލް އިފެކްޓްސް ހެދުމުގައި އެއްވެސް މިންވަރަކަށް ކޮމްޕްރޮމައިޒް ނުކުރުމުގެ ނަތީޖާއަކީ ޑާކްރެއިންގެ ފިލްމުތަކާ ވާދަކުރެވޭނެ އެހެން އެއްވެސް ފިލްމެއް އަދި ހެދިފައި ނުވުމެވެ. ކުރިއަށްވެސް އޮތީ ހަމަ އުފާވެރި ޚަބަރުތަކެކެވެ.
ފިލްމީ ދާއިރާގައި އިތުރު ހަރުފަތްތަކެއް ގިރާކޮށް ފިލްމުގެ ބޮޑުބައި ސިންގަޕޫރުގައި ޝޫޓުކޮށްފައިވާ 'ނޮވެމްބަރު' މިހާރު ނިމުމަކާ ވަނީ ގާތްވެފައެވެ. ބިރުވެރި ފިލްމު 'ބަޅިނދު' ގެ މަސައްކަތް ވަނީ ފެށުމުގެ މަގުމަތީގައެވެ. ހަމަ މިއާއެކު ކޮމެޑީ 'ކައިވެނީގެ އަމާޒު' އަދި އެކްޝަން ތްރިލަ 'ބައިސާ' ވެސް ވަނީ އިއުލާނުކޮށްފައެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނިކަމުގައި ވިޔަސް ޑާރކްރެއިން އިން ވަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާރޯކަން ގެނެސްދީ ދިވެހި ފިލްމަކީ ދަމަކުން ބަޑިއެއް ޖަހާ އުސޫލުން ނިކުންނަ ފެންވަރާ ދޭތެރޭ ޔަގީންކަން ނެތް އެއްޗެއްގެ ގޮތުގައި އޮތް އޮތުން އެކީހެން ބަދަލުކޮށް ދިވެހި ފިލްމު އިންޑަސްޓްރީގެ ތަރި އެންމެ މަތީ އުޑުގައި ފިޔަ ޖައްސުވާފައެވެ. ހަމަ ޔަގީނެވެ. 2020 ވަނަ އަހަރު ކަޅު ވާރޭގެ ތިކިތަކުން ތެންމާ ނުލާ އެކަކުވެސް ނުހުންނާނެއެވެ.