މެންކުގެ ދަރުސް މިރޭ، ސުވާލު ކުރަން ހާއްސަ ފޯރަމެއް

ޖެނުއަރީ 14، 2020: ދީނީ އިލްމްވެރިޔާ މުފްތީ މެންކް ރާއްޖެ އައުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކްގެ ދަރުސް މިރޭ ކާނިވަލުގެ ސްޓޭޖްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިރޭ އޮންނަ ދަރުސްގައި މެންކް އަލި އަޅުވާލައްވާނީ، ދީނީ ގޮތުން މީހުން އިސްލާހު (ރިހިބިލިޓޭޓް) ކުރުމާ ބެހޭ ގޮތުންނާއި އެކަމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

އެ ދަރުސް މިރޭ މުންނާރު ޓީވީއާއި ރާއްޖެ ޓީވީއާއި ވީީޓީވީ އަދި ސަންގު ޓީވީއިން ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ރޭ 8:15 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ޒުވާނުންނަށް ހާއްސަ ފޯރަމެއް ބާއްވާނެ ކަމަށެވެ. އަދި މި ފޯރަމްގައި މެންކާ ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ދަރުސް ދިނުމަށްފަހު މެންކުގެ ދަރުސް މާދަމާ ރޭ އައްޑޫ ސިޓީގެ ނޫރާނީ ސްކޫލްގައިވެސް އޮންނާނެ އެވެ. މާދަމާ ރޭގެ ދަރުސްގެ މައުލޫއަކީ "ބައެއް މުސްލިމުން ދީނުގެ މަގުން ކައްސާލަނީ ކީއްވެ؟" އެވެ. އޭގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ މެންކް ކުޅުދުއްފުށީ ސިޓީގައިވެސް ދަރުސް ދެއްވާނެ އެވެ. އެސިޓީގެ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވާ އެ ދަރުސްގައި މެންކް ތަގުރީރު ކުރައްވާނީ، އިސްލާމް ދީން އެކި ގޮތްގޮތަށް މާނަކުރުމާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އަންނަ ހުކުރު ދުވަހު އިސްލާމިކް މަރުކަޒުގައި ހުކުރު ހުތުބާ ވެސް ދެއްވާނީ މެންކް ކަމަށެވެ.

"ހުކުރު ތުހުބާގައި މުފްތީ މެންކް ބޮޑަށް ބައްލަވާލައްވާނީ ހަލާލް ގޮތުގައި ފައިސާ ހޯދުމާ މުދާ ހޯދުމާ އަދި އެ ހަލާލް މަގުގައި ފައިސާ ހޯދުމާ ބެހޭގޮތުން." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް