ހުޅުމާލޭގައި ޑިންގީ އަޅަން ވަކި ސަރަހައްދެއް ކަނޑައަޅައިފި

ހުޅުމާލެ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ޑިންގީ އަޅަން ވަކި ސަރަހައްދެއް ކަނޑައަޅައިފި އެވެ.

އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭތް ގުޅުވާލާ ކޯރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި އަޅާފައިވާ ޑިންގީތައް އެތަނުން ނަގަން ބޭނުންވާ ކަމަށެވެ.

އަދި ހުޅުމާލޭގެ ހުޅަނގު ޖެޓީ ސަރަހައްދުން ޑިންގީ އެޅުމަށް 120 ޖާގަ ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ. މި ޖާގަ ދޫކުރާނީ ވަކި އުސޫލެއްގެ ދަށުންނެވެ.

އެގޮތުން އިސްކަންދޭނީ ކެޓަގަރީ އޭގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނަށް ކަމަށާއި، އަދި ކެޓަގަރީ ބީ ގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ، ހުޅުމާލޭގެ ރައްވެހިން ނޫން މީހުންނަށްވެސް އެ ސަރަހައްދުގައި ޑިންގީ އެޅުމުގެ ފުރުސަތު ދޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

މި ސަރަހައްދުގައި ޑިންގީ އަޅަން ބޭނުންވާ މީހުން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު މިމަހުގެ 19ގެ ކުރިން ހުށަހަޅަން ޖެހެއެވެ. ފޯމު ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ހުޅުމާލޭ ވެމްކޯ ސައިޓާ ދިމާލުން ގިނަ އަދަދެއްގެ ޑިންގީ އާއި ކުދި ދޯނިތައް އަޅާފައި އޮވެއެވެ.

comment ކޮމެންޓް