ލަންކާއިން 200 ނަގުލަންދާށި ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވިހަގަދަ 200 ނަގުލަންދާށި ސްރީ ލަންކާއިން އިން ބޭރުކުރަން އުޅުނު ޗައިނާ މީހަކު އަތުލައިގެންފި އެވެ.

ދިރިތިބި ނަގުލަންދާށިތައް އަތުލައިގެންފައިވަނީ ކޮލަމްބޯ އެއާޕޯޓްގެ ސެކިއުރިޓީއިންނެވެ. އެ ނަގުލަންދާށިތައް ވަނީ ޕްލާސްޓިކް ފޮށިތަކަށް ލާފައި ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ލަފާކުރާގޮތުގައި، އެމީހާ އެ ނަގުލަންދާށިތައް ގެންދިޔުމަށް އުޅުނީ ޗައިނާއަށް ދެވުމުން އޭގެ ވިހަތައް ނެގުމަށެވެ.

ކަސްޓަމްސް އޮފިޝަލުން ވަނީ އޭނާ އަތުލައި، ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ކަސްޓަމްސް އިން ވަނީ އޭނާ 500 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެއަށްފަހު އޭނާ އެނބުރި ޗައިނާއަށް ދިޔުމުގެ ހުއްދަވެސް ވަނީ ކަސްޓަމްސް އިން ދީފަ އެވެ.

ސްރީ ލަންކާއިން ނަގުލަންދާށީގެ 18 ވައްތަރެއް ވަނީ ފެނިފަ އެވެ. އޭގެތެރޭގައި އިންސާނުންގެ ފުރާނައަށް ނުރައްކާތެރި ހިމެނެނީ އެއް ވައްތަރެއްގެ ނަގުލަންދާށި އެވެ. ނަގުލަންދާށިތައް ލަންކާއިން ބޭރުކުރުމަށް އުޅުނު މީހާ ގެންދަން އުޅުނީ ކޮން ބާވަތެއްގެ ނަގުލަންދާށްޓެއް ކަމެއް ސާފުވެފައެއް ނުވެ އެވެ.

ޖަނަވާރުތަކާއި އެކި ކަހަލަ ތަކެތި ލަންކާއިން ގާނޫނާ ހިލާފަށް ބޭރުކުރަން އުޅޭ ތަފާތު މައްސަލަތަކެއް ވަނީ އެގައުމުގައި ގިނަވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގައި ކުޑަ އެތެއް ވިއްކާލަން ބަޔަކު އުޅުނު މައްސަލައެއް ފެންމަތިވިއެވެ. އަދި ދާދި ފަހުން ވަނީ ޕެންގޮލިންތަކެއް މަރާލި މައްސަލަތަކެއްވެސް ލަންކާގައި ފެންމަތިވެފައެވެ. ޕެންގޮލިންތައް މަރާލާފައިވަނީ އޭގެ ތުޅުތައް ވިއްކުމަށްޓަކައެވެ.

comment ކޮމެންޓް