ފައިނަށް ބޮޑު ބިރެއް؛ ރަށް ވަށައިގެން ގިރަނީ!

ރ. ފައިނުގެ ގޮނޑުދޮށް ގިރަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

ގުދުރަތީ ގޮތުން ރީތި ގޮނޑުދޮށަކާއި ހޭޅި އެއް ލިބިފައިވާ ރ. ފައިނަކީ ގަސްގިނަ ފެރި ރަށެކެވެ. ރަށުގެ ހޭޅިފަށުގައި އެތައް ސަތޭކަ އަހަރެއްވީ ގަސްތައް އެބަހުއްޓެވެ. މިއަދު ބޮޑު ބިރަކަށްވެފައި ވަނީ، އެތައް ޖީލަކަށް ހިޔާ ފޯރުކޮށްދިން މި ގަސްތައް މިއަދު ނެތި ދަނީ އެވެ. ރަށުގެ ވަށައިގެން ގިރަމުންދާއިރު، މިކަމުގެ އަސަރު އެތައް ގޮތަކުން ރައްޔިތުންނަށް ދަނީ ކުރަމުންނެވެ.

ފައިނު ކައުންސިލުގެ ރައީސް އިބްރާހިމް ނާސިރު "ސަން"އަށް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ މީގެ ކުރިންވެސް އެރަށަށް ދިމާވާ މައްސަލައެއް ކަމަށެވެ. ރަށުގެ ގިރަމުންދާ ސަރަހައްދު 2016 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާއިރު އޭގެ ފަހުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށް ނާސިރު ވިދާޅުވި އެވެ.

"ދެހާސް ސަތާރަ އަދި އަށާރަ ވެސް ދިޔައީ ރަނގަޅަށް. ގިރުމުގެ ކަމަކާ ދިމައެއް ނުވޭ. އެކަމަކު މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން މިކަންތައް އެބަ ދިމާވޭ. މިހާރު ވަކިން ބޮޑަށް އެކަން ފާހަގަވޭ. ގިރަމުންގޮސް 200 އަށް ވުރެ ގިނަ އަހަރު ވެފައި ހުރި ގަސްތައްވެސް ވެއްޓިއްޖެ،" ނާސިރު ވިދާޅުވި އެވެ.

ރ. ފައިނުގެ ގޮނޑުދޮށް ގިރަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ ރަށުގެ ގިނަބަޔަކު އަދި ރަށަށް ޒިޔާރަތްކުރާ މީހުންނަށް އެތައް އަހަރެއްވަންދެން ިޔާދިން ގަސްތައް ވެއްޓި ރަށުގެ ވެއްޓަށް ކުރަމުންދާ އަސަރަކީ އަންނަން އޮތް ޖީލުތަކަށްވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"ރަށުގެ މޫނުމަތި އެއްކޮށްހެން ދަނީ. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ވާ ކަމެއް ކަމަށް ބެލެވެނީ. މީގެ ކުރިން ފަހުގެ ތާރީހުގައި ނުގިރާ ވަރަށް ފައިނުގެ ވަށައިގެން ގިރަމުން ދަނީ،" ނާސިރު ވިދާޅުވި އެވެ.

ރ. ފައިނުގެ ގޮނޑުދޮށް ގިރަނީ --- ފޮޓޯ: ސޯޝަލް މީޑިއާ

ފައިނު ކައުންސިލުން ވަނީ މިކަންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު، ރަށްގިރުމުގެ ކަންތައް ފާހަގަވާން ފެށުމާއެކު ކައުންސިލުން ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް އެކަންތައް ގެނެސްފައެވެ. އޭގެ ފަހުން ރައީސް އޮފީހަށް ސިޓީ ފޮނުވައިގެންވެސް އެކަމަށް ހައްލު ހޯދަން ކައުންސިލުން ވަނީ މަސައްކަތް ކޮށްފައެވެ.

"އަޅުގަނޑުމެން އީޕީއޭ އަށާ އެންވަޔަރަމެންޓަށް ލިޔުނީ ކައިރި ރިސޯޓުތަކާ މިނިސްޓްރީގެ އެހީގައި ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށާއި އެކަމަށް ލަފާ ހޯދުމަށް. އީޕީއޭ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބުނު އިރު ބުނެފައި އޮތީ ޑިއޯ ބޭގް ޖެހުމަކީ މިނިސްޓްރީ އިން ކުރާ ކަމެއް ނޫން ކަމަށާ،އެކަން ކުރާނަމަ އީއައިއޭ ހަދަން ޖެހޭނެ ކަމަށް. އީއައިއޭ ނުހަދައި އެކަން ނުކުރެވޭނެ ކަމަށް،" ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ރަށުގެ ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނާސިރު ވިދާޅުވީ ފައިނުގެ ވަށައިގެން ބޮޑު ސަރަހައްދެއް ގިރާލާފައިވާ ކަމަށެވެ. ރަށުގެ އިތުރު ފަރާތުގައި ހުރި ބިޔަ ގަސްތައް ވެއްޓިފައިވާއިރު ގިރަމުންދާ ވެލިތައް އަރަނީ ހުޅަނގުފަރާތު ތުނޑިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް