ދެހާސް ހަ ވަނަ އަހަރު ބޯޓު ފަހަރު ބަނުމުގެ ދާއިރާއަށް ނުކުތް އަލްޝާލި މެރިން މޯލްޑިވްސްއަކީ މިހާރު އެދާއިރާގައި އެންމެ ބޮޑަށް ފިޔަޖަހަމުން އަންނަ އެއް ކުންފުންޏެވެ.
ބޯޓު ބަނުމުގެ މަސައްކަތާއި ސިނާއަތަށް ބޭނުންކުރަމުން އަންނަ އޮޑިފަހަރުތައް މަރާމާތު ކުުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ އެކުންފުނިން ފެށި ކާމިޔާބު ދަތުރުގައި 2009 އިން ފެށިގެން އަންނަނީ ތަފާތު އުޅަނދު ފަހަރުތައް މާކެޓަށް ނެރެމުންނެވެ.
އޭގެ ނަތީޖާ ކިތަންމެހާ ވެސް ފޮންޏެވެ. ތަފާތު އުޅަނދުތަކާ އެކު މާކެޓްގައި ފައިނެގި އެކުންފުނިން 2016 އިން ފެށިގެން ވަނީ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.
ކުރިން މާބޮޑު ސަމާލުކަމެއް ނުލިބުނަސް ރާއްޖޭގައި ބާއްވަން ފެށި ބޯޓިން ޝޯތަކާ އެކު ގިނަ ބައެއްގެ ސަމާލުކަމެއް އަލްޝާލިއަށް ލިބިގެން ދިޔަ އެވެ.
"ދެހާސް ފަނަރަ ވަނަ އަހަރުގައި ބޯޓްޝޯގައި އަޅުގަނޑުމެން 24 ފޫޓްގެ ވޯޓާ ސްޕޯޓްސް ލޯންޗު މި މާކެޓަށް ނެރުނީ. ދެން އެ ފަހަރު އޭތި ވެގެން ދިޔައީ ފުދޭވަރަކަށް ބެލުންތެރިންނަށާއި ބޯޓު ފަހަރުތަކުގެ އިންޑަސްޓްރީއަށް ވަރަށް ކަމުދިޔަ ވަރަށް ރީތި ލޯންޗެއްގެ ގޮތުގައި،" އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.
އޭގެ އިތުރުން 34 އިންޓަސަޕްޓާއާއި 38 ޕްލަސްއާއި އެކްޝަބް 25ގެ ނަމުގައި ނެރުނު ކުޑަ މަސްލޯންޗުގެ ވެސް އަލްޝާލީގެ އެންމެ ފަހާގަކޮށްލެވޭ އުޅަނދުތަކުގެ ލިސްޓުގައި ހިމެނެ އެވެ.
އެއީ ފެށުމެކެވެ. އޭގެ ފަހުން ކޮންމެ އަހަރު ބޯޓް ޝޯގައި ބައިވެރިވަމުން ދިޔަ އިރު އަލްޝާލިއަށް ފުދޭވަރެއްގެ ބޯޓިން އެވޯޑްތަކެއް ވަނީ ލިބިފަ އެވެ.
އަލްޝާލިއިން ބުނީ ބޯޓުފަހަރު ބަނުމާއި ރިޕެއާ އަދި މެއިންޓެނަންސްއާ އެކު މުޅި އަހަރުތެރޭ 200 އާއި 300 އާ ދެމެދުގެ އަދަދެއްގެ އުޅަނދުތަކަށް ހިދުމަތްދެވޭ ކަަމަށެެވެ.
ކަނޑުމަތީގެ ހާދިސާތައް ކުޑަކުރުމުގެ ގޮތުން ސްޓެބިލިޓީއަށް ވަރަށް ބޮޑަށް އިސްކަންދީގެން ބޯޓު ބަންނަ އަލްޝާލިއިން އާންމުގޮތެއްގައި 12 ވައްތަރެއްގެ އުޅަނދު ބަނދެ އެވެ. އޭގެ ތެރޭގައި ވޯޓާ ސްޕޯޓްސްގައި ބޭނުންކުރާ ލޯންޗުތައް ހިމެނެ އެވެ. ދެން ހިމެނެނީ ޓްރާންސްފާއަށް ބޭނުންކުރާ ސްޕީޑް ލޯންޗުތަކާއ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ބޭޏުންކުރާ ޑައިވިން އެކްސްކާޝަން ދޯނިތަކެވެ.
"އެންމެ ޑިމާންޑް ބޮޑީ ޑައިވިން ދޯންޏަށް އެއީ ރިސޯޓްތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެއް. ޕްރޮޑަކްޝަންގައި އަބަދު ވެސް އެންމެ ބިޒީކޮށް ދާނީ އެ ދޯނި. އޭގެ އިތުރުން 38 ފޯޓްގެ ލޯންޗާއި 37 ފޫޓްގެ ލޯންޗު އަދި 34 ފޫޓްގެ ލޯންޗުތައް އަދި 47 ފޫޓްގެ ލޯންޗު، މި ހުރިހާ އެއްޗަކީ ވެސް މާކެޓް ރިކުއާމަންޓް އޭގެ ޒާތުގައި ޑިމާންޑް އޮތް އެއްޗެތި،" މެނޭޖަރު ޝަރީފް ވިދާޅުވި އެެވެ.
އަލްޝާލިއިން ބަންނަމުންދާ އެންމެ ބޮޑެތި އުޅަނދުތަކަކީ ވެސް އެ ކުންފުނީގެ ހައިބަތު ދައްކުވައިދޭ އުޅަނދުތަކެކެވެ. އޭގެ ތެރޭގައި ޑައިވިން އެންޑް އެކްސް ކާޝަން ދޯނި، 47 ފޫޓްގެ ލޯންޗު ހިމެނެ އެވެ.
ބާރަ ވަރަކަށް ޕްރޮޑަކްޓް ގެންގުޅޭ އަލްޝާލިއިން އެކުންފުނީގެ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޯޓުތައް ކަސްޓަމައިޒްކުރުމުގެ ފުރުސަތު ވެސް ދެ އެވެ. އެކި ވައްތަރުގެ އިންޓީރިއާ ޑިޒައިންތަކަށް ލޯބިކުރައްވާ ފަރާތްތަކަށް އެ ފުރުސަތު އޮތް ނަމަވެސް ބޯޓުގެ ހަލްގެ ޑިޒައިންއަކަށް ބަދަލެއް ނުގެނެވޭނެ ކަމަށް އަލްޝާލިއިން ބުންޏެވެ.
ބޯޓު ފަހަރު ބަނުމުގައި ފުންނާބު އުސް އަލްޝާލިއިން އެދާއިރާގެ ކުރިމަގާ މެދު ދެކެނީ ވަރަށް ފޮނިކޮށެވެ. ހާއްސަކޮށް ދިިވެހިންގެ މަސައްކަތްތެރިކަމާއި ހުރި ހުނަރުން އިތުރަށް ކުރިއަށް ދެވޭނެ ކަމަށް އަލްޝާލީއިން ބުންޏެވެ.
"ދިވެހިންނަކީ ދިވެހި ކަނޑަށް އެންމެ ރަނގަޅަށް ބޯޓު ބަނދެވޭނެ އެއްބަޔަކަށް ވާނެ އަޅުގަނޑަށް ހީވަނީ." ޝަރީފް ވިދާޅުވި އެވެ.