އިއްޒުއްދީން ސްކޫލް ހުޅުވައިފި

އިއްޒުއްދީން ސްކޫލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

އެމްއީސް ސްކޫލް ކުރިން ހިންގި އިމާރާތުގައި އަލަށް ހުޅުވި އިއްޒުއްދީން ސްކޫލް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ހާއްސަ އެސެމްބްލީއެއްގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެ ސްކޫލް ނިސްބަތްވަނީ އައްސުލްތާން އަލް ގާޒީ ހަސަން އިއްޒުއްދީން ނުވަތަ އާންމު ނަމުންނަމަ ދޮންބަންޑާރައިންނަށެވެ.

ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭ އެ ސްކޫލް މިއަދު ފެށީ 209 ދަރިވަރުންނާއެކު އެވެ. މިއީ އެއްދަންފަޅިއަށް މާލޭގެ ސްކޫލްތައް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން މާލޭގައި ގާއިމްކުރި ފުރަތަމަ ސްކޫލްވެސްމެ އެވެ.

މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވީ މިއަދަކީ ވަރަށް ހާއްސަ ދުވަހެއް ކަަމަށާއި އަދި މިއަދަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އުއްމީދުތަކެއް ކުލަޖެހިގެން ދިޔަ ދުވަހެއް ކަމަށެވެ.

އޭނާގެ ވާހަކައިގައި އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އަދި އެ ސްކޫލް ހުޅުވުމަށް ކުރި މަސައްކަތުގައި އެހީތެރިވި ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

އާ ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް