އީކުއެޓޯރިއަލް ހޮސްޕިޓަލަށް އައްޑޫ ވަންތަ ލޯގޯއެއް ފަރުމާކުރުމަށް މުބާރާތެއް

އައްޑޫގައި ކޮންވެންޝަންސެންޓަރުގައި ހަދާ އިކުއަޓޯރިއަލް ހޮސްޕިޓަލް: މިއީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް -- ސަން ފޮޓޯ

އައްޑޫ ސިޓީ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ދޭން ތައްޔާރުވަމުންދާއިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ ހޮސްޕިޓަލުގެ ބްރޭންޑް ރިކޮގްނިޝަންއެއްގެ ގޮތުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ގާއިމްކުރާ ފުރަތަމަ ޓަޝަރީ ހޮސްޕިޓަލު ކަމަށާއި ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީ އަކަށް އެ ހޮސްޕިޓަލުން ހިދުމަތް ދޭނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖެ އަކީ ސިއްގީގޮތުންދުޅަހެޔޮ އާބާދީ އެއް އޮންނަ ގައުމަކަށް ހެދުން ކަމަށާއި ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ސިއްހީ ހިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުުނީ ހޮސްޕިޓަލްގެ ތަސައްވުރަކީ "ފުރިހަމަ ސިއްހަތަކަށް މުޅި ގައުމު އެކުގައި" ކަމަށެވެ.

އައްޑޫ އީކޮއަޓޯރިއަލް ހޮސްޕިޓަލަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާނެ ހޮސްޕިޓަލެއް ކަމަށާއި އެހެންކަމުން ހޮސްޕިޓަލަކީ މީހުންނަށް ރައްޓެހި، ދެކެފަރިތަ ތަނަކަށް ވާންޖެހޭނެކަން ފާހަގަކޮށް އެ އިއުލާނުގައި ބުނީ އެ ހޮސްޕިޓަލގެ މޫނުމަތީގެ ގޮތުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ހުށަހަޅާ ލޯގޯ އަކީ މީގެ ކުރިން ބޭނުންކޮށްފައިވާ ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯ އަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ރަމްޒަކަށް ވާންޖެހޭނެ ކަ،މަށެބެ.

އަދި މުބާރާތަށް ހުށަހަޅާ ލޯގޯ އަކީ އަމިއްލަ ވަންތަ، އުފެއްދުންތެރި ލޯގޯ އަކަށް ވާން ޖެހޭނެ ކަމަށާއި ލޯގޯގެ ޑިޒައިންއަކީ ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަ ހެޑް، ބެނަރ، ޔުނިފޯމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެހެން ލޯގޯއެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހަޅަން ޖެހޭނެ ކަމަށާއި ލޯގޯ ބޭނުންކޮށްފައި ހުރެެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

އީކުއަޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ އަކީ އައްޑޫވަންތަކަން ރަމްޒުކޮށްދޭ ލޯގޯ އަކަށް ވާންވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުން އެކަން އަންގަނެ ކަމަށާއި އެއްވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް އީކުއަޓޯރިއަލް ހޮސްޕިޓަލާ ހަވާލުކުރަންވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީޑީ އާއި ހާރޑްކޮޕީ މިމަހުގެ 19 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

ލޯގޯ ހުށަހަޅަންޖެހޭ ފޯމެޓާއި މާކްސް ދިނުމުގއި ބަލާނެ މިންގަނޑުތައްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އައްޑޫގައި ތަރައްގީކުރި ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް މިދިޔަ ޑިސެމްބަރު 15 ގައި ފަށަން ނިންމި ނަމަވެސް ހިދުމަތް ފެށުން ވަނީ ފަސްކޮށްފައެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

comment ކޮމެންޓް