މިދިޔަ އަހަރު އިންދި އޮށްތަކުން މޭވާ ލިބޭނީ މި އަހަރު: މަހްލޫފް

"ރަން އަހަރު 2019" ގެ ޖަލްސާގައި މިނިސްޓަރ މަހްލޫފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ// ފަޔާޒް މޫސާ

މިދިޔަ އަހަރު އިންދި އޮށްތަކުގެ މޭވާ ލިބޭނީ މިއަހަރު ކަމަށާއި ކުރީ އަހަރު ލިބުނު ތަޖުރިބާއާ ކާމިޔާބީތަކުގެ އަލީގައި މިއަހަރު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވެފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

"ރަން އަހަރު 2019" ގެ ނަމުގައި ޔޫތު މިނިސްޓްރީ އިން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ބެލުމަށްފަހި އެމީހުން ބޭނުންވާ ކަންތައްތައް ކޮށްދިނުން ކަމަަށެވެ. އެގޮތުން މިދިޔަ އަހަރު ރައްޔިތުން އެދިލެއްވި ކަންކަން އަޑުއަހައިގެން މިއަހަރު ތެރޭ ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"ރަން އަހަރު 2019" ގެ ޖަލްސާގައި މިނިސްޓަރ މަހްލޫފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ// ފަޔާޒް މޫސާ

މަހްލޫފް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ 100 އަށް ވުރެން ގިނަ ރަށަށް ދަތުުރު ކުރައްވާ އެ ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ވަރަށް ގާތުން ބައްލަވައިފަ އެވެ.

"އަޅުގަނޑު ދަންނަވާނީ މިދިޔަ އަހަރު ހަގީގަތުގައި އަޅުގަނޑުމެންނަށް އިންދުނީ އޮށްތަކެކޭ. އޭގެ މޭވާ މިއަހަރު ތެރޭ އިރާދަކުރެއްވިއްޔާ ލިބިގެން ދާނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އޭގެ މިސާލަކީ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ކުލަބު، ޖަމިއްޔާ އަދި ޖަމާއަތްތަކާ އެކު ދެން މަސައްކަތްތައް ކުރާނީ އެ ފަރާތްތަކަށް މިނިސްޓްރީން ދޭ ގްރާންޓަކާ އެކު ކަމަށެވެ. އެހެން ކަމުން އެ ފަރާތްތަކަށް ޕްރޮޖެކްޓްތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭގެ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ އަހަރު ލިބުނު ކާމިޔާބީތަކަށް އަލިއަޅުވާލަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ކާމިޔާބީތަކެއް މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ކަމަށާއި ޒުވާނުންނާއި މުޖުތަމައު ބާރުވެރި ކުރުމުގެ ދާއިރާއިން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން މަސައްކަތް ކުރިއިރު ތަފާތު އެކި ގޮންޖެހުންތަކާއި ދިމާވި، މިސާލަކަށް ސުވިމިން ޓްރެކް ސަރަހައްދުގައި އަޅުގަނޑުމެން އަޅަން އޮތް އިމާރާތް އެޅުމަށް ސޮއި ކުރި ދުވަސް ނޫން ޖެހިގެން އައި ދުވަހު އަޅުގަނޑަށް އީޕީއޭއިން ސިޓީއެއް އައި މަސައްކަތް ހުއްޓާލަން. އެހެންވީމަ އަދިވެސް، މިއަދު އަޅުގަނޑަށް ހީވަނީ ކޮންމެވެސް ވަރަކަށް ބިތްގަނޑު ޖެހުމުގެ މަސައްކަތް ފެށިއް ޖެހެން. ގާތްގަނޑަކަށް ހަ މަސްދުވަސް ވެގެން މިދިޔައީ މިހެން ހުރި ދަތިތައް ނައްތާލުމަށް،"

މަހްލޫފް އިތުރަށް ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަޅާ ބައެއް ކުޅިވަރު ފެސިލިޓީގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށެވެ.

comment ކޮމެންޓް