ހުޅުމާލޭ 704 ފްލެޓެއް މަރަމާތު ކުރަން އިންސްޕެކްޓު ކުރަނީ

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މި ފްލެޓުތަކުގައި އުޅޭ މީހުންގެ ފަރާތުން ލިބުނު ޝަކުވާތަކާއެކު ފްލެޓުތަކުގައި ހުރި މައްސަލަތައް ބެލުމަށް އެޗްޑީސީ އާ ގުޅިގެން އިންސްޕެކްޝަނެއް އިއްޔެ ފަށާވައިވާ ކަމަށެވެ. މި އިންސްޕެކްޝަން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޅި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރު އެވެ.

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ފްލެޓުތަކުން ފެންލީކުވާ މައްސަލަ އާއި އިތުރު މައްސަލަތައް މީގެ ކުރިންވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން މީގެ ކުރިން ކޮށްފައިވާ ރިޕޯޓުތަކާއެކު މިދިޔަ މެއިމަހު އެ މައްސަލަތަކަށް އެޓެންޑުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދާ އިންސްޕެކްޝަންތަކުގައިވެސް މީގެ ކުރިން އެޓެންޑު ކުރި ފްލެޓުތަކުން އަލުން ޝަކުވާ ހުށަހަޅާފައިވާތީ އެތަންތަންވެސް ބަލަމުންދާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ހުޅުމާލޭގެ މި 704 ފްލެޓުތަކުގައި އެއްވެސް މައްސަލައެއް ވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ފޯމަކުން އެކަން ހައުސިން މިނިސްޓްރީ އަށް ހުށަހެޅޭނެ ކަމަށެވެ.

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން --- ފޮޓޯ: ހައުސިން މިނިސްޓްރީ

"މިހާރު މި ޒިޔާރަތްކުރަނީ މީގެ ކުރިން މައްސަލަތައް ރިޕޯޓު ކުރި ތަންތަނަށް. ފޯމު މެދުވެރިކޮށް މައްސަލަ ހުށަހަޅަ ތަންތަނަށްވެސް ޒިޔާރަތްކޮށް ލިބިފައިވާ ގެއްލުންތައް ބެލޭނެ،" ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ފްލެޓުތަކުގައި ކުރަންޖެހޭ މަރާމާތުތަކާއި ލިބިފައިވާ ގެއްލުންތައް އިންސްޕެކްޝަނަށްފަހު ހާމަ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގެ މި ފްލެޓުތަކުން ކޮންމެ މަހަކު މެއިންޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަ އެވެ. މި ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6،000 ރުފިޔާ އެވެ. ޑައުން ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހުނީ 25،000 ރުފިޔާ އެވެ.

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން --- ފޮޓޯ: ހައުސިން މިނިސްޓްރީ

މި ފްލެޓް ތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ. ދެ ކެޓަގަރީއަކުން ފްލެޓް ދޫކޮށްފައިވާއިރު ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބުނެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭއްގައި ހިމެނެނީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ، އަތޮޅުތަކުގެ މީހުންނެވެ. އެ ކެޓަގަރީން 161 މީހުންނަށް ފްލެޓް ލިބުނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ 167 އާއިލާ އަކަށް ވެސް ފްލެޓު ދީފައިވެ އެވެ.

comment ކޮމެންޓް