އިތުބާރު ހުރި ޑިފެންޑަރު ސާމިރުވެސް މާޒިޔާއަށް

ޒުވާން ޑިފެންޑަރު ސާމިރު މާޒިޔާއަށް ސޮއި ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ// މާޒިޔާ

ޓީސީ ސްޕޯޓްސް ކުލަބާ އެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިތުބާރު ހުރި ޒުވާން ޑިފެންޑަރު މުހައްމަދު ސާމިރު މާޒިޔާއަށް ސޮއިކޮށްފި އެވެ.

ޓީސީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް މާޒިޔާއަށް ސޮއި ކުރިތާ 24 ގަޑިއިރު ނުވަނީސް ސާމިރު ވެސް އެ ޓީމަށް ސޮއި ކުރި އިރު އޭނާ އަކީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޓީސީ ދޫކޮށް މާޒިޔާ އަށް ބަދަލުވި ފަސް ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޓީސީ އަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.

ޒުވާން ޑިފެންޑަރު ސާމިރު މާޒިޔާއަށް ސޮއި ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ// މާޒިޔާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން މިހާރު ވެސް ބޮޑު ލީޑެއް ނަގާފައިވާ އިރު އެއްވަނަ ގައިގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. އެއީ ލީގުގެ ދެވަނަ ބުރު މިހާރު ނިމިފައިވާތީއާއި ތިންވަނަ ބުރެއް ކުޅުމާ މެދު ޝައްކުތަކެއް އުފެދިފައި އޮތުމުގެ އިތުރުން މާޒިޔާއާއި އަރާ ހަމަ ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް އެހެން ކުލަބެއްގެ ކިބައިގައި ނެތުމުންނެވެ.

އދ. މަހިބަދޫ އަށް އުފަން ސާމިރު އެންމެ ފުރަތަމަ ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު ފަހުން ވަނީ ބީޖީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ. އޭނާ ޓީސީއާ 2017 ވަނަ އަހަރު ގުޅުމުގެ ކުރިން ވެސް ނިއު އަށް ކުޅުނެވެ.

ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކުރިއެރުން ހޯދި ސާމިރު ވަނީ މިދިޔަ މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމަށް ކުޅެފަ އެވެ. އަދި ވާތް ފަޅިން ފަހަތަށާއި ކުރިއަށް ވެސް ކުޅޭ ސާމިރު ވަނީ ގައުމީ ސީނިއާ ޓީމުގެ ސްކޮޑުގައި ވެސް އެކި ފަހަރު މަތިން ހިމެނިފަ އެވެ.

ލީގު ޔަގީންވެފައި އޮތް ނަމަވެސް މާޒިޔާއިން ވަނީ މި ހުޅުވުނު ޓްރާންސްފާ މާކެޓުގައި މިހާތަނަށް ތިން ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. ޓީސީގެ ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުން ދެން ސޮއި ހޯދީ އަފްގާނިސްތާނުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު އެވެ. މާޒިޔާއިން މި ކުޅުންތެރިން ސީޒަނުގެ އެހާ ފަހު ކޮޅު ގެނައުމުގެ މަގުސަދަކީ މިއަހަރު އޮންނަ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް ކަމަށް ބެލެވެ އެވެ.

މާޒިޔާ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ މަހު 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.

comment ކޮމެންޓް