އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޗައިނާއިން ރައީސްގެ އަރިހަށް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ސީއެމްއީސީގެ ވެރިން ރައީސް ޞާލިހުއާ ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގްއާއި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުނީގެ އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ޞާލިހުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރިއިރު، މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ އުމްރާނީ ތަރައްގީގެ ދާއިރާއާ ގުޅޭގޮތުންނެވެ.

އެ ބައްދަލުވުމުގައި އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވޭ ފެންވަރަށް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ރައީސް ޞާލިހުއާ ހިއްސާކޮށްފައިވެ އެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި އުމުރާނީ ތަރައްޤީއަށް ދޭ އެހީތެރިކަން ވެސް ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގައި އޮލިމްޕިކްސް ބޭއްވޭ ފެންވަރުގެ ދަނޑެއް ތަރައްގީ ކުރަން ސީއެމްއީސީ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ހައުސިންގް ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް މީގެ ކުރިން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ދަނޑަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

comment ކޮމެންޓް