އާއިލާއަށް ފިލައިގެން އުޅުނު ކުޑަ ކުއްޖަކު ބަނގުރަލާއެކު ހައްޔަރުކޮށްފި

ކ. ކާށިދޫ އިން ހޯދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތައް -- ފޮޓޯ/ ޕޮލިސް

އާއިލާއަށް ފިލައިގެން ފުލުހުން ހޯދަމުން ދިޔަ ކުޑަ ކުއްޖަކު، އިތުރު ބަޔަކާއެކު ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ފުޅިތަކެއް ގެންގުޅުނު މައްސަލައެއްގައި ކ. ކާށިދޫ އިން ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 02:30 ހާއިރު ކާށިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ލަންކާ މީހަކާއި، 18 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 17 އަހަރުގެ ކުއްޖާއަކީ އާއިލާއަށް ފިލައިގެން އުޅޭތީ ފުލުހުން ހޯދަމުން ދިޔަ ކުއްޖެއް ކަމަށެވެ. އަދި މިހާރު އެކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރި އިރު، ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް