އާ ރަންވޭ މިއަހަރު ތެރޭ ބޭނުން ކުރަން ފަށާނެ: އެމްއޭސީއެލް

ވީއައިއޭގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓު ޖެއްސުން-- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތަރައްގީކޮށްފައިވާ އާ ރަންވޭ މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެމްއޭސީއެލްއިން މަސައްކަތް ކުރަނީ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާ ރަންވޭ ބޭނުން ކުރަން ފެށޭ ވަރު ކުރެވޭތޯ ކަމަށެވެ. އަދި އެމްއޭސީލްގެ ޕްލޭންއަކީ އެއަށް ވުރެ ލަސްވި ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން އާ ރަންވޭ ބޭނުން ކުރަން ފެށުމެވެ.

އާ ރަންވޭގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭ ވަނީ އެތަނަށް ޓެސްޓު ފްލައިޓް ވަނީ ޖައްސައިފަ އެވެ. ރަންވޭގެ މަސައްކަތްވެސް ކޮށްފައިވަނީ ބީޔޫސީޖީ އިންނެވެ. އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭ ބޭނުން ކުރަން ފެށޭނީ މިހާރު ސީޕްލޭން ޓާމިނަލްތައް ހިންގާ ސަރަހައްދު ހުސްވެ، ކްލެޔަރަންސް ލިބުމުންނެވެ.

ހަސަން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ ދެވަނަ ކުއާޓަރުގައި އެތަން ބޭނުން ކުރަން ފެށުމަށް ތައްޔާރުވަމުންދާއިރު މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ހުރިތަނުން ނެގުމުން އާ ރަންވޭއަށް ބޭނުންވާ ކްލިއަރެންސް ލިބޭނެ ކަމަށެވެ.

"އެ ސަރަހައްދުގައި ހުންނަ އެމްއެންޑީއެފްގެ ލޮކޭޝަން ނެގުމުގެ މަސައްކަތް މިހާރު ފެށިއްޖެ. ޓީއެމްއޭގެ ސަރަހައްދުވެސް ކްލިޔާ ކުރަން އެބަޖެހޭ،" ހަސަން ވިދާޅުވި އެވެ.

އާ ރަންވޭ އާއެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގަ އެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމުން އެއާޕޯޓަށް ދިމާވެފައިވާ ޓްރެފިކް ގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ރަންވޭއާ އެކު ވީއައިއޭ އަށް އަންނަ އެއާލައިންތަކުގެ އަދަދު ވެސް އިތުރުވެގެންދާނެ އެވެ.

comment ކޮމެންޓް