އިތިއޯޕިއާގައި އިންޖިނިއަރިން ޑިގްރީއެއް އޮތް ޒުވާނެއްގެ ވަޒީފާއަކީ ބޫޓް ސާފު ކުރުން

27 އަހަރުގެ ޗެކޯލް މެންބެރޫގެ އިންޖިނިއަރިން ޑިގްރީއެއް އޮތް ނަމަވެސް، ވަޒީފާއެއް ނުލިބުމުން އޭނާއަށް ވަނީ ބޫޓު ސާފު ކުރުމުގެ މަސައްކަތް ކުރަން ޖެހިފަ -- ފޮޓޯ: ބީބީސީ

އިތިއޯޕިއާގެ އިގުތިސާދަކީ މިހާރު އެފްރިކާގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސާދެވެ. ނަމަވެސް އެއީ އަދިވެސް އެ ސަރަހައްދުގެ އެންމެ ފަގީރު އެއް ގައުމެވެ. އަދި އެގައުމުގެ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަށް އަލި އަޅުވާދެނީ، އެގައުމުގައި އިންޖިނިއަރިން ޑިގުރީއެއް ހޯދާފައިވާ 27 އަހަރުގެ ޗެކޯލް މެންބެރޫގެ ވާހަކައިންނެވެ.

ޗެކޯލް ވަރަށް ކުޑައިރު އޭނާގެ ބައްޕަ މަރުވެ، މަންމަ އެހެން މީހަކާ ކައިވެނި ކުރި އެވެ. އޭގެ ސަބަބުން ޗެކޯލް ބަލަން ފެށީ އޭނާގެ މާމަ އާއި ކާފަ އެވެ. އަދި އޭރުން ފެށިގެންވެސް އޭނާ ސްކޫލަށް ފޮނުވައި ދިނުމަށް މާމަމެން ގާތުގައި އެދެމުން ދިޔަ ކަމަށް ޗެކޯލް ބުންޏެވެ.

"އަހަރެން ސްކޫލަށް ފޮނުވައި ދިނުމަށް އެދި މާމަމެން ގާތު އަބަދު އާދޭސް ކުރަމުން ދިޔައިން،" ޗެކޯލް ބުންޏެވެ.

ޗެކޯލްގެ އާދޭސްތަކަށް އިޖާބަދީ، އޭނާ ދިރިއުޅޭ އަމްހާރާ ސްޓޭޓުގެ ސްކޫލަކަށް އޭނާގެ ކާފަ އޭނާ ވެއްދި އެވެ. ނަމަވެސް ކާފަގެ އެހީ ލިބުނީ ދެވަނަ ގްރޭޑާ ހަމަޔަށެވެ. އެއަށް ފަހު ޗެކޯލްއަށް ޖެހުނީ ސްކޫލަށް ބޭނުންވާ ހަރަދުތައް ކުރުމަށް އަމިއްލައަށް ފައިސާ ހޯދާށެވެ.

ޗެކޯލް ވަނީ 2017 ވަނަ އަހަރު ކެމިކަލް އިންޖިނިއަރިން ޑިގްރީއެއް ހޯދާފަ -- ފޮޓޯ: ބީބީސީ

ޗެކޯލްގެ ރައްޓެއްސެއްގެ އެހީއާކު، ބޫޓު ސާފު ކުރުމުގެ މަސައްކަތް އޭނާ ފެށީ އެހާ ހިސާބުންނެވެ. އަދި ތިން ވަނަ ގްރޭޑުން ފެށިގެން ޔުނިވާސިޓީއަށް ދާންދެން އޭނާ ފައިސާ ހޯދީ އެ މަސައްކަތުންނެވެ.

"އަހަރެން ހިތަށް އެރީ ބޫޓު ސާފު ކުރުމަކީ ރަނގަޅު ގޮތެކޭ. އަދި ދުވަހުގެ އެއްބައި މަސައްކަތް ކުރުމުގަ، އަނެއްބައި ކިޔެވުމުގަ ހޭދަ ކުރީ. ވަރަށް އުނދަގޫ ދިރިއުޅުމެއް އެއީ. ނަމަވެސް އަހަންނަށް ހިތްވަރު ލިބުނީ އަހަރެން ގޮތަށް ވިސްނައިގެން، ޑޮކްޓަރުންނާއި އިންޖިނިއަރުންނަށްވީ މީހުންގެ ފަރާތުން،" ޗެކޯލް ބުންޏެވެ.

އެ ހުރިހާ ގޮންޖެހުންތަކަކާ އެކުވެސް، 2013 ވަނަ އަހަރު ޗެކޯލް ޔުނިވާސިޓީ އޮފް ބަހިރު ދަރުއިން ޖާގައެއް ހޯދި އެވެ. އަދި އޭނާއަށް ހަރަދު ކުރާނެ މީހެއް ނެތް ކަމުގެ ލިޔުމެއް ޔުނިވާސިޓީއަށް ފޮނުވުމުން، އެ ޔުނިވާސިޓީން ޗެކޯލްއަށް މަހަކު 10 ވަރަކަށް ޑޮލަރު ދޭން ނިންމި އެވެ. އަދި އޭނާގެ އެކުވެރިންގެ މަދަދުވެސް އޭރު ލިބުނުކަން ޗެކޯލް ފާހަގަ ކުރި އެވެ.

އޭނާ ބުނި ގޮތުގައި އޭރު ކެމިކަލް އިންޖިނިއަރިން ކިޔަވަން ނިންމީ، ގައުމުގެ އެކި ސިނާއަތްތަކަށް ވަރަށް ގިނަ އިންޖިނިއަރުން ބޭނުންވާ ކަމުގެ ވާހަކަ ފެތުރިފައިވާތީ އެވެ.

"ގައުމުގެ އެކި ސިނާއަތްތަކަށް ވަރަށް ގިނަ އިންޖިނިއަރުން ބޭނުންވާ ކަމަށް އޭރު ވާހަކަ ދެކެވެމުން ދިޔަ. އެހެންވެ އިންޖިނިއަރިން ކިޔަވަން ނިންމީ. އަދި ކިޔަވާ ނިމުމުން އަވަހަށް ވަޒީފާއެއް ލިބޭނެ ކަމަށް އުއްމީދު ކުރީ،" ޗެކޯލް ބުންޏެވެ.

ނަމަވެސް ކަންތައްތައްވީ އޭނާ އުއްމީދު ކުރި ގޮތާ ހިލާފަށެވެ. އެގޮތުން 2017 ވަނަ އަހަރު ޑިގުރީ ހާސިލު ކުރުމަށް ފަހު، އޭނާ ވަޒީފާއެއް ހޯދަން ފުރަތަމަ މަސައްކަތް ކުރީ ވެރިރަށް އަދިސް އަބަބާއިންނެވެ. ނަމަވެސް އެ ސިޓީން ފުރުސަތެއް ނުލިބުމުން، ވަޒީފާއެއް ހޯދަމުން ގޮސް ވެރިރަށާ 520 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކަށް ދިޔަ އިރުވެސް ޗެކޯލްއަށް ވަޒީފާއެއް ލިބޭ ގޮތެއް ނުވި އެވެ.

"ޑިގްރީއެއް ބޭނުން ނުވާ ވަޒީފާތަކަށްވެސް ކުރިމަތިލިން. ނަމަވެސް ޕްރޮމޯޝަނަކަށް އެދިފާނެ ކަމަށް ހީކޮށް އެފަދަ ވަޒީފާތައްވެސް ނުދޭ،" ޗެކޯލް ބުންޏެވެ.

ޗެކޯލް ބުނި ގޮތުގައި އޭނާ ވަނީ ޑިގްރީއެއް ބޭނުން ނުވާ ވަޒީފާތަކަށްވެސް ކުރިމަތިލާފަ -- ފޮޓޯ: ބީބީސީ

އެއަށް ފަހު އޭނާ ކުޑަ ދުވަސްކޮޅަކަށް ފެކްޓަރީއެއްގައި މަސައްކަތް ކުރި އެވެ. ނަމަވެސް އެތަނުން ލިބެނީ ދުވާލަކަށް އެއް ޑޮލަރު ކަމުން، އެހާވަރުން ދިރިނޫޅެވޭނެތީ ފެކްޓަރީން ވަކިވީ އެވެ. އަދި އިތުރު މަސްތަކެއް ވަންދެން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރުމަށް ފަހު، އެކަން ނާކާމިޔާބުވުމުން އޭނާއަށް ޖެހުނީ އަނެއްކާވެސް ކުޑަ އިރު ކުރި މަސައްކަތް ފަށާށެވެ.

"އިތުރު ގޮތެއް ނެތުމުން ދެން ނިންމީ އަނެއްކާވެސް ބޫޓު ސާފު ކުރަން ފަށަން،" ޗެކޯލް ބުންޏެވެ.

ޗެކޯލް ބުނި ގޮތުގައި އޭނާ އެ މަސައްކަތް ކުރާތަން ފެނުމުން އޭނާ ކިޔެވި ޔުނިވާސިޓީގެ ބައެއް ޓީޗަރުން އޭނާއަށް ބަލާލުމަށް ފަހު އެނބުރި ދެ އެވެ. ނަމަވެސް އެހެން ޓީޗަރުން އޭނާއަށް ހިތްވަރުދީ، ފައިސާވެސް ދެ އެވެ. އަދި އޭނާއާ އެކު ޔުނިވާސިޓީގައި ކިޔެވި އެކުވެރިން އޭނާއަށް އެހީވުމުގެ ގޮތުން، އެމީހުންގެ ބޫޓު ރީތިކޮށް ހުންނަ އިރުވެސް ލާރި ދީގެން ބޫޓު ސާފު ކުރުވުމަށް އާދެ އެވެ.

ޗެކޯލް ވަނީ މިވަގުތު އޭނާއަށް އެގޮތަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އޭނާ ކިޔެވި ދާއިރާއިން ވަޒީފައެއް ލިބޭނެ ކަމުގެ އުއްމީދު ކަނޑާނުލާ ކަމަށް ބުނެފަ އެވެ. އަދި "ވަޒީފާއަކަށް އިއުލާން ކުރާތޯ ބަލަން ނޯޓިސްބޯޑުތައް އަދިވެސް ބަލާ" ކަމަށް ބުނެފަ އެވެ.

ނަމަވެސް އޭނާ ވަނީ އިތިއޯޕިއާގެ ސަރުކާރުން ވަޒީފާތައް އުފެއްދުމަށް ވުރެ ބޮޑަށް ސިޔާސީ އަދި ސަލާމަތީ ކަންތައްތަކަށް މާބޮޑަށް އިސްކަންދޭ ކަން ފާހަގަކޮށްފަ އެވެ.

އިތިއޯޕިއާގެ ސެންޓްރަލް ސްޓެޓިސްޓިކަލް އޭޖެންސީން ބުނާ ގޮތުގައި ފާއިތުވި އަހަރުތަކުގައި އެގައުމުގެ މައި ސިޓީތަކާއި ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2016 ވަނަ އަހަރު އެސަރަހައްދުތަކުގެ 15 އަހަރާއި 29 އަހަރާ ދެމެދުގެ ވަޒީފާ ނެތް މީހުންގެ އަދަދު 22 ޕަސެންޓަށް އެރި އިރު 2018 ވަނަ އަހަރު އެ އަދަދު ވަނީ 25 ޕަސެންޓަށް އަރާފަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިދިޔަ އަހަރު އިތިއޯޕިއާއިން ވަނީ 2025އަށް އެގައުމުގައި 20 މިލިއަން އާ ވަޒީފާ އުފައްދާނެ ރޭވުމެއް އިއުލާންކޮށްފަ އެވެ. -- ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް