ޑިންގީ، ލޯންޗް އެކްސިޑެންޓް: ލޯންޗް ކެޕްޓަނަށް އަދިވެސް ފަރުވާދެނީ

އްލުނު ނަސްރުﷲ ހޯދުމަށް ސިފައިންގެ އުޅަނދު، ޝަހީދު އަލީ ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި ލޯންޗްގެ ކެޕްޓަންއަށް ބޮޑެތި އަނިޔާތަކެއް ލިބި އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހާދިސާ ހިނގީ ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދެކޮޅަށް ދަތުރުކުރަމުން ދިޔަ ދެ އުޅަނދު ޖެހިގެންނެވެ.

އެ ހާދިސާގައި ޑިންގީގައި ތިބި ދެ މީހުންނަށްވެސް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން މިހާރު ވަނީ ހޮސްޕިޓަލްއިން ދޫވެސްކޮށްލައިފަ އެވެ.

ނަމަވެސް އެ ހާދިސާގައި ލޯންޗް ކެޕްޓަންގެ މޫނުގެ ކަށިގަނޑެއް ބިނދި ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނެ އިއްޔެ ވަނީ އިތުރު ފަރުވާއަށް މާލެވެސް ގެނެސްފަ އެވެ.

އެ ހާދިސާގައި ލޯންޗްގެ ފަޅުވެރިއަކަށް ހުރި ބަނގުލަދޭޝް މީހާއަށްވެސް ކުދިކުދި އަނިޔާ ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

ލޯންޗާ ޖެހި އެކްސިޑެންޓްވި ޑިންގީއާއި އެ ޑިންގީގައި ހުރި އެކަކު އަދިވެސް ނުފެނެ އެވެ. ގެއްލިފައިވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް މިހާރުވެސް ޑައިވް ރޮބޮޓާއި ހެލިކޮޕްޓަރާއި އަދި ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުންތަކެއް މިހާރުވެސް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް