ފަނޑިޔާރުން ބަދަލުވުމަކީ ޝަރުއީ ދާއިރާ އިސްލާހުވުމެއް ނޫން: މުހުތާޒް

ކުރީގެ ޕީޖީ މުހުތާޒް މުހުސިން އަދި ދާދިފަހުން އުއްތަމަ ފަނޑިޔާރުކަމުން ވަކިކުރެއްވި ޑރ. އަހުމަދު އަބްދުﷲ ދީދީ. ފަނޑިޔާރުން ބަދަލުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހުވުން ނޫންކަމަށް މުހުތާޒް ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުތަކުގެ ފަނޑިޔާރުން އަވަސްއަވަހަށް ބަދަލުކުރުމަކީ ޝަރުއީ ދާއިރާ އިސްލާހުވުން ނޫންކަމަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، މުހުތާޒް މުހުސިން ރޭ ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ ސުޕްރީމް ކޯޓާ ހިސާބުން ޝަރުއީ ނިޒާމުގެ ކަންކަން ނުނިމޭ ކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓަށް އެކަނި ބަދަލުތަކެއް ގެނެސްގެން މުޅި ޝަރުއީ ނިޒާމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

މުހުތާޒް ވިދާޅުވީ އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި، ހިކުމަތު އަމަލީ ބޭނުންކޮށް، ރަނގަޅު ގޮތްތަކެއް ރާވަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ޝަރުއީ ދާއިރާއަށް ބަދަލުތަކެއް އަންނަމުންދާކަން މުހުތާޒް ފާހަގަކުރެއްވިއެވެ.

"ހަމައެކަނި މަގާމުތައް ބަދަލުވުމަކީ ޝަރުއީ ދާއިރާ ރަނގަޅުވުމެއް ނޫނޭ. އަޅުގަނޑުމެން ޕާފޯމް ކުރަން އެބަ ޖެހޭ. އަދި ސުޕްރީމް ކޯޓު ބަދަލުވުމަކީ ވެސް ޖިނާއީ އަދުލުގެ ނިޒާމު ރަނގަޅުވުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މުހްތާޒް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު މައިގަނޑު ގޮތެއްގައި ހިންގަނީ ކްރިމިނަލް ކޯޓާއި ދަށު ކޯޓުތަކުން ކަމަށްވާއިރު، އެ ކޯޓުތަކުގެ ފަނޑިޔާރުން ތަމްރީނުކޮށް، މިހާރު ހުރި ގާނޫނުތަކަށް އެ ފަނޑިޔާރުން އަހަލުވެރިކުރުވައިގެން ނޫނީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށެވެ.

ރޭ މުހުތާޒް ވަނީ މިހާރުގެ ޕީޖީ، ހުސައިން ޝަމީމް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވައިފައެވެ. މުހުތާޒް ވިދާޅުވީ ޝަމީމް އަކީ މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕީޖީގެ މަގާމަށް އެންމެ ގާބިލް އެއް ފަރާތް ކަމަށެވެ.

"އެމަނިކުފާނު ތަފާތު ދައްކަވާނެ އިނގޭތޯ. އެއީ އަދި ފުރުސަތު ލިބިއްޖެ ކަމުގައި ވާނަމަ،" މުހުތާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަހުގީގީ އިދާރާތަކުންނާއި ޕީޖީ އޮފީހުން ކުރާ މަސައްކަތް ގޮސް ހުއްޓެނީ ޝަރުއީ ދާއިރާއަށް ކަމަށާއި، އެހެންކަމުން ޝަރުއީ ދާއިރާގެ ތެރެއިން އިސްލާހުތަކެއް އައިސްގެން ނޫނީ ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް