ހުޅުމާލޭގައި އޮޓޮމެޓިކް ވެދާ ސްޓޭޝަނެއް ގާއިމްކޮށްފި

ހުޅުމާލޭގައި ގާއިމްކުރި އޮޓޮމެޓިކް ވެދާ ސްޓޭޝަން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ހުޅުމާލޭގައި އޮޓޮމެޓިކް ވެދާ ސްޓޭޝަނެއް ގާއިމްކޮށްފި އެވެ.

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި އެ ވެދާ ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފެށީ އިއްޔެ އެވެ.

އޮޓޮމެޓިކް ވެދާ ސްޓޭޝަނުން މޫސުން ކުރިއަށް ލަފާ ކުރާގޮތާއި ވާރޭ ވެހޭ މިންވަރު ފަދަ މައުލޫމާތުތައް ދެނެގަނެވެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހުޅުމާލޭއަކީ ގްރޭޓާ މާލެ ސަރަހައްދު ކަމުގައި ވިޔަސް މޫސުމާ ބެހޭ މައުލޫމާތުތަކުގެ ޑޭޓާގައި ކުދިކުދިން ފަރަގު ހުންނަ ކަމަށާއި ހުޅުމާލޭގައި ވެދާ ސްޓޭޝަން ގާއިމްކުރުމުން މޫސުމާ ބެހޭ ޑޭޓާ ލިބުމުގައި ކުރިއަށްވުރެ ފަސޭހަވާނެ ކަމަށެވެ.

އޮޓޮމެޓިކް ވެދާ ސްޓޭޝަނެއް މިހާރު ހުޅުލޭގައި ހުރެއެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ތެރޭ މާލޭގައި ވެސް އޮޓޮމެޓިކް ވެދާ ސްޓޭޝަނެއް ގާއިމްކުރާނެ ކަމަށެވެ.

ހުޅުމާލޭގައި ގާއިމްކުރި ސްޓޭޝަނާއެކު ރާއްޖޭގައި މިހާރު 38 އޮޓޮމެޓިކް ވެދާ ސްޓޭޝަން ހުރެއެވެ.

މޫސުމާ ބެހޭ ކަންތައްތައް ލަފާކޮށް ބެލޭނެ މޮބައިލް އެޕެއް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން "މޫސުން"ގެ ނަމުގައި މިދިޔަ އަހަރު ޖުލައި މަހު ވަނީ ލޯންޗްވެސްކޮށްފަ އެވެ.

comment ކޮމެންޓް