ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފި

ޅައިމަގު ފަސް ގެއެއް ބަލައިފާސްކޮށް ހޯދި މަސްތުވާތަކެތި -- ފޮޓޯ/ޕޮލިސް

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ށ. ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެރަށުން ތިން މީހަކު ހައްޔަރުކޮށްފައި ވަނީ ރޭ އެރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެއޮޕަރޭޝަންގައި ޅައިމަގުގެ ފަސް ގެއެއް ބަލައިފާސްކޮށްފައިވާނެ ކަމަށާއި، އެ ގެތަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރ، އަދި ވިޔަފާރި ކުރުމަށް ޓަކައި ބޭނުންކުރާ ޒާތުގެ 171 ސެލޯފިން ކޮޅާއި 30 ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އެމީހުން ހައްޔަރުކޮށް އެމީހުންގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް