އާސަންދަ އިން ހުޅުމާލޭ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފި

ހުޅުމާލެ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ހޮސްޕިޓަލް ހިންގުން އާސަންދަ ކުންފުނިން ހުއްޓާލައިފި އެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ސަން އަށް ވިދާޅުވީ މިއަދުން ފެށިގެން އެ ހޮސްޕިޓަލް މެނޭޖު ކުރުން އެ ކުންފުނިން ހުއްޓާލާފައިވާ ކަމަށެވެ.

އާޝިޔާ ވިދާޅުވީ އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލީ ރައީސް އޮފީހުން އަންގައިގެން ކަމަށާއި އެ އޮފީހުން އެގޮތަށް އެންގީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކުރީ 2016 އޭޕްރީލް ތިން ވަނަ ދުވަހު އެވެ.

އޭގެ ފަހުން އެކުންފުނިން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގިނަ ހިދުމަތްތަކެއް ތައާރަފުކޮށް ހިދުމަތް ފުޅާކޮށް ތަރައްގީކޮށްފަ އެވެ. އެ ހޮސްޕިޓަލުންދޭ ކެންސަރުގެ ފަރުވާ އޭގެ ތެރެއިން ފާހަގަ ކުރެވެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުން ހެލްތުގެ ދަށަށް ގެންދިޔުމަށް ރައީސް އޮފީހުން ވަނީ 2018 ވަނަ އަހަރު އަންގައިފަ އެވެ.

ނަމަވެސް އޭގެ ފަހުން ވެސް އެ ހޮސްޕިޓަލު ހިންގަމުންދިޔައީ އާސަންދަ ކުންފުނިންނެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހިންގަނީ އާސަންދަ ކުންފުނިން ކަމަށެވެ.

އާސަންދަ ބަޖެޓުން ހުޅުމާލޭ ހޮސްޕިޓަލަށް 193 މިލިއަން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު އެމްއާރުއައި އާއި ސީޓީ ސްކޭނުގެ ހިދުމަތްދެ އެވެ. އެ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ ހިދުމަތް ނެތުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުމާ ދެން ހަވާލުވާނީ ކޮންބައެއް ކަމެއް ހެލްތު މިނިސްޓްރީން އަދި ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ވިދާޅުވީ އެކަން އޮތްގޮތް ސާފުކުރުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް