ރިޓަޔާ ކުރުމަށްފަހު ރޮނާލްޑޯ ބޭނުންވަނީ ހޮލީވުޑުގައި މަސައްކަތް ކުރަން

ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ// ލިއަމް ބްލެކްބާން

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ނަން ކިޔާލެވޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުން ހުއްޓާލުމަށްފަހު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯގެ ޒުވާން ދައުރުން ފެށިގެން ދުނިޔޭގެ ފުޓުބޯޅަ އުދަރެހުގެ އެންމެ މަތީގައި ފިޔަޖަހަމުން އައިސް އަދިވެސް އަންނަނީ ފުޓުބޯޅައިގެ ރަސްކަން ކުރަމުންނެވެ. އެކަމަކު އޭނަގެ ކުޅުމަށް ކުރިއާ އަޅާ ބަލާއިރު މިހާރު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކުރިން ކުޅުންތެރިން އިންތާގައި ބައިންދާފައި ދުވެ ފިލި ނަމަވެސް މިހާރު ބޮޑަށް ހަރަކާތްތެރިވަނީ އޭރިއާ ތެރޭގައި ހުރެ ފަހު ނިންމާލުން ނިންމާލާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މި ބަދަލުތައް އޭނާ ގެނައީ އުމުރުން ދުވަސްވަމުން ދާތީ ކަމަށް ވެސް ބެލެވެ އެވެ.

މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅަ ދަނޑުގައްޔާއި ދަނޑުން ބޭރުގައި ވެސް މަގުބޫލް ކުޅުންތެރިޔެކެވެ. އިސްތިހާރު ކުޅުމާއި ޕްރޮގްރާމްތަކާއި ޓޯކް ޝޯ ތަކުގައި ވެސް ދޭތެރެއަކުން ފެންނަ ރޮނާލްޑޯ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރި ކުޅުންތެރިއެކެވެ. އަދި އެކަން އެހެން އޮތް ސަބަބު މިހާރު އޭނާ ވަނީ ސާފުކޮށްދީފަ އެވެ.

"އަހަރެން ބޭނުންވާ ފެންވަރަށް ހަށިގަނޑު މަސައްކަތް ނުކުރާ ހިސާބުން ކުޅުން ހުއްޓާލާނަން. އެއީ ކޮންމެ މީހެއްގެ ކެރިއަރުގައި ވެސް ނަގަން ޖެހޭ ވަރަށް ވޭން ހުރި ޑިސިޝަނެއް." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު ކުޅުންތެރިންގެ އުމުރުން 30 ނުވަތަ 32 އަހަރަށް އަޅާލައި ހިސާބުން އެ ކުޅުންތެރިން ތިބެނީ ރިޓަޔާ ވާން ތައްޔާރުގައި ކަމަށެވެ. އެކަމަކު މިހާރުގެ ގިނަ ކުޅުންތެރިން އުމުރުން އެޔަށް ވުރެން މާ މަތިވަންދެން ވެސް ކުޅެޔެވެ.

"އަހަރެން ކުޅުން ހުއްޓާލުމަށްފަހު ހަމަ ޔަގީނުންވެސް ކުރާނެ އެއް ކަމަކީ ސްޓަޑީސް ނިންމުން. އެކަމަކު ވަރަށް ބޭނުންވާ ކަމެއް އެކްޓް ކުރުމަކީ. އަބަދުވެސް ދެކޭ ހުވަފެނެއް ހޮލީވުޑާ އެކު މަސައްކަތް ކުރުމަކީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އޭނަގެ އުންމީދަކީ އުމުރުން 50 އަހަރެއް ވުރެން އިތުރަށް ދުނިޔޭގައި އުޅުމެވެ. އެއީ އޭނާ ކުޅުން ހުއްޓާލުމަށްފަހު އިތުރު ޗެލެންޖްތަކެއް ކުރަން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ. އަދި އެކަންކަން ހާސިލް ކުރުމަަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

comment ކޮމެންޓް