އެސްބީއައި އިން ނުކުތް މީހަކު ރަހީނުކޮށް 130،000 ރުފިޔާ ފޭރިގެންފި

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައިގެ ބްރާންޗު --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޗެކުތަކަކަށް ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށްގެން ގެންގޮސް އޭނާ އަތުގައި ހުރި ފައިސާ ފޭރިގެންފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގައި ޓޫރިޒަމް އޮޕަރޭޓު ކުރުމުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު ޗެކުތަކަކަށް ކުންފުނީގެ ފައިސާ ނަގައިގެން ދަނިކޮށެވެ. އޭނާ ރަހީނު ކުރި އިރު އޭނާގެ އަތުގައި ގާތްގަނޑަކަށް 130،000 ރުފިޔާ ހުއްޓެވެ.

އެ ބިދޭސީ މީހާ މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ މީހާ ރަހީނު ކުރީ އެސްބީއައި އިން ނުކުތް ތަނުން ބަޔަކު ކާރެއްގައި އައިސް އޭނާގެ ގިރުވާނުގައި ހިފައި ކާރަށް ދަމާ އަރުވައިގެންނެވެ.

"އޭނަ ބުނާ ގޮތުން ފައިސާ ނަގައިގެން އޮފީހަށް އައި މަގުމަތީގައި ކާރަކުން އޭނަ ހުއްޓުވާފައި ކާރު ތެރެއަށް ވައްޓާލާފައި އޭނަ ގެންދިޔަ ތާކަށް ގެންދިޔައީ،" ކުންފުނީގެ މުވައްޒަފު ބުންޏެވެ.

އޭނާ އަރުވައިގެން ދިޔައީ ޓެކްސީއެއްގައި ކަމަށާއި، އޭނާ އެ ކާރުގެ ތެރޭގައި ބައިންދާފައި އިނީ ކާރު ދާ ތަނެއް ނޭނގޭ ގޮތަށް ބޯ ތިރިކޮށްފައި ކަމަށް ބިދޭސީ މީހާ ވަނީ ކިޔައިދީފައެވެ. އެ ވަގުތު އެ ކާރުގައި ޑްރައިވަރު ހިމެނޭ ގޮތަށް ތިން މީހުން ތިބި ކަމަށްވެއެވެ. އެ މީހުން ތިބީ އެއްވެސް މާސްކެއް ނާޅައެވެ.

އެ މީހާ ކާރަށް އަރުވައިގެން ހުޅުމާލެއަށް ގެންގޮސް ދެން ވެއްދީ ކޮޓަރިއަކަށް ކަމަށާއި އެ ކޮޓަރި ތެރޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ބިރުދައްކައި ހުރިހާ ފައިސާތައް ދިނުމަށް މަޖުބޫރު ކުރުވި ކަމަށް އޭނާ ބުނެފައިވެއެވެ. ތޫނު އެއްޗަކުން ބިދޭސީ މީހާގެ އަތް ޒަހަމް ކޮށްލާފައިވާ ކަމަށް ވެސް އޭނާއާ ހަވާލާދީ "ސަން" އާ ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

ރަހީނު ކުރި މީހުން ފައިސާތައް ފޭރުމަށްފަހު ބިދޭސީ މީހާ ދޫކޮށްލީ ހުޅުމާލޭގައި ހުންނަ ހާފްވޭހައުސް ކައިރިއަށް ކަމަށާއި އޭރު އިރު އޮއްސެން ކައިރިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހާފްވޭހައުސް ހުންނަ ސަރަހައްދަކީ މީހުން މަދު އަނދިރި ސަރަހައްދެކެވެ.

މި ހާދިސާގައި ގެއްލުންވި ކުންފުނިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މީގެ ކުރިންވެސް މާލޭގައި މިގޮތަށް ފައިސާ ފޭރިގެންފައިވެއެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ އެސްބީއައި ކައިރިން ފޭރިގެންފައިވެއެވެ. އޭގެ އިތުރުން މާޗް މަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި ދެ މިލިއަން ރުފިޔާ ފޭރިގެންފައިވެއެވެ.

އެއް ތަނުން އަނެއް ތަނަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދާ އިރު ފުލުހުން އެހީތެރިކަން ހޯދަން މީގެ ކުރިން ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް