"ސްޓްރީޓް ޑާންސާ"ގެ އާ ލަވައެއް ނެރެފި

އަންނަ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު، "ސްޓްރީޓް ޑާންސާ"ގެ އާ ލަވައެއް ދައްކާލައިފިއެވެ.

މިފަހަރު ދައްކާލި ލަވައަކީ ނޯރާ ފަތޭހީގެ ވަރުގަދަ ނެށުންތަކެއް ފެންނިގެންދާ 'ގަރްމީ' އެވެ. ނޭހާ ކައްކަރުގެ ހިތްގައިމު އަޑުން ކިޔާފައިވާ އެ ލަވައިގެ މިއުޒިކާއި ޅެން ތައްޔާރުކުރީ ބާދުޝާހު އެވެ.

ލަވައިގައި ނޯރާ އާއެކު ދެން ފެނިގެން ދަނީ ފިލްމުގެ ލީޑު އެކްޓަރު ވަރުން ދަވަން އެވެ. ލަވައިގައި ނޯރާގެ އިތުރުން ވަރުންގެ މޮޅު ނެށުން ވެސް ފެނިގެން ދެއެވެ.

ފިލްމުގައި ވަރުން އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ޝްރައްދާ ކަޕޫރެވެ. މި ދެތަރިން އެކުގައި މީގެ ކުރިން "އޭބީސީޑީ 2" ގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާ އިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުން ފިލްމުގައި ފެނިގެންދާނެ އެވެ. މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުކާބަލާ"ގެ ރީމޭކެއް ފެނިގެންދާނެ އެވެ.

comment ކޮމެންޓް