ޓެކްސްގެ ބޭނުމަށް މީރާގައި އޮޑިޓަރުން ރަޖިސްޓްރީ ކުރުން ހުއްޓާލައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޓެކްސްގެ ބޭނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި އޮޑިޓަރުން ރަޖިސްޓްރީ ކުރުން އެ އޮތޯރިޓީއިން ހުއްޓާލައިފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމާ އެކު އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވިޔާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫ އުވި ބީޕީޓީ ނެގުން ހުއްޓިގެންދާނެ އެވެ.

މީރާއިން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އުވިގެން ދާތީވެ އެ ގާނޫނުގެ ބޭނުމަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް މީރާގައި އޮޑިޓަރުންގެ ދަފުތަރުގައި މި ވަގުތު ތިބި ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ބީޕީޓީ ބަޔާންތަކާ އެކު، އެ އޮޑިޓަރަކު ރަޖިސްޓްރީ ކުރެވިފައިވާ ކެޓަގަރީއާ ތައާރަޒު ނުވާ ގޮތަށް ހުށަހަޅާ އޮޑިޓަރުގެ ރިޕޯޓުގައި ސޮއިކުރެވޭނެ ކަމަށް މީރާއިން ބުނެފައިވެއެވެ.

ބީޕީޓީ އުވާލައި، އިންކަމް ޓެކްސް ނަގަން ތައްޔާރުވަމުންދާ އިރު ފިނޭންސް މިނިސްޓްރީއިން ލަފާކޮށްފައި ވަނީ އިންކަމް ޓެކްސް ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3200 މީހުން ކަމަށެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 500 މިލިއަނާ ގާތްކުރާ އަދަދަކަށް އާންމުދަނީ ލިބޭނެ ކަމަށް އެ މިނިސްޓްރީއިން ލަފާ ކުރެއެވެ.

އިންކަމް ޓެކްސް ނަގާނީ، މަހެއްގެ މައްޗަށް 60،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަަތުންނެވެ. 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ އިން ޓެކްސްގެ ގޮތުގައި ނަގާނީ 5.5 ޕަސެންޓެވެ. 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ އިން ނަގާނީ އަށް ޕަސެންޓެވެ. 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު ނަގާ އިރު 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން ނަގާނީ 15 ޕަސެންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް