ޔުވެންޓަސް ދޫކޮށް މަންޒޫކިޗް ގަތަރުގެ އަލް ދުހައިލް އަށް

ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒޫކިޗް --- ފޮޓޯ// ރޮބް ލެންކެސްޓާ

އިޓަލީގެ ޔުވެންޓަސްއާ އެކު ހޭދަކުރި ކާމިޔާބު އަހަރުތަކަކަށް ފަހު ކްރޮއޭޝިޔާގެ ފޯވާޑް މާރިއޯ މަންޒޫކިޗް ގަތަރުގެ އަލް-ދުހައިލްއަށް ސޮއި ކޮށްފި އެވެ.

ޔުވެންޓަސްއާ އެކު މަންޒޫކިޗް ހޭދަކުރި ހަތަރު ސީޒަނުގެ ތެރޭގައި އޭނާ ވަނީ ހަތަރު އިޓާލިއަން ސީރިއޭގެ ތަށްޓާއި ތިން ކޮޕާ އިޓާލިއާގެ ތަށި ހޯދައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ފަހުގެ ތާރީހުތަކުގައި ފައިނަލަށް ދަތުރު ކުރި ދެފަހަރު ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ ބައިސިކަލް ކިކަކުން ގޯލެއް ވެސް ޖަހައިފަ އެވެ.

އެކަމަކު ޔުވެންޓަސްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި މޯރީޒިއޯ ސަރީ އެ ޓީމާ ހަވާލުވި ފަހުން މަންޒޫކިޗްއަށް މާ ގިނަ ފުރުސަތުތަކެއް ނުދެ އެވެ. އެގޮތުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސްކޮޑުން ވެސް އޭނާއަށް ޖާގަ ދީފައި ނުވާ އިރު ލީގުގެ މެޗެއްގައި ވެސް ފުރަތަމަ އެގާރައިގައި މަންޒޫކިޗް ހިމަނާފައެއް ނުވެ އެވެ.

އުމުރުން 33 އަހަރުގެ މަންޒޫކިޗް އެންމެ ފަހުން ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރުނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. ނަމަވެސް ގަތަރުގެ އަލް ދުހައިލް އިން އިއްޔެ ވަނީ މަންޒޫކިޗް އެ ޓީމަށް ސޮއި ކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ. އެކަމަކު އޭނަ ސޮއި ކުރި ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.

މަންޒޫކިޗް ވަނީ މިދިޔަ އަހަރު އޮތް ވޯލްޑްކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުޅި މުބާރާތުގައި އޭނާ އެފަހަރު ތިން ގޯލު ޖެހި އިރު ސެމީ ފައިނަލުގައްޔާއި ފައިނަލުގައި ވެސް އޭނާ ވަނީ އެ ފަހަރު ގޯލު ޖަހައިފަ އެވެ.

ގޯލުގެ ކުރިމަތީގައި ނުރައްކާތެރި ސްޓްރައިކަރެއްގެ ގޮތުގައި ފާހަގަވެފައިވާ މަންޒޫކިޗް ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ބަޔާން މުނިކަށާއި ވޮލްވްސްބާގުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ.

comment ކޮމެންޓް