ދަގަނޑޭ ނުލައި ކުޅުނު މެޗުން ގްރީންސްޓްރީޓްސް ބަލިވެއްޖެ

ގްރީންސްޓްރީޓްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސީޒަން އެންމެ ވަނދުކޮށް ފެށި ނިލަންދޫ ސްޕޯޓްސް ކްލަބުން ވަރުގަދަ ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ގްރީންސްޓްރީޓުގެ މައްޗަށް ނިލަންދޫން މޮޅު ކުޅުމަކާ އެކު ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ނިލަންދޫ އިން ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. މި ސީޒަނާއި އެންމެ ހާލުގައި ކުރިމަތިލި އެއް ޓީމު ކަމަށްވާ ނިލަންދޫން ލީގުގައި ހޯދި ހަތަރު ވަނަ މޮޅާ އެކު އެ ޓީމުން ވަނީ 14 މެޗުން 13 ޕޮއިންޓް ހަމަކޮށްފަ އެވެ.

ގްރީންސްޓްރީޓްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިއަދުގެ މެޗުން ލިބުނު ބޮޑު ބައްޔާ އެކު ގްރީންސްޓްރީޓްސް ވަނީ ދެވަނައިގައި ލީޑު ބޮޑު ކުރަން ލިބުނު ރަނުގެ ފުރުސަތު ނަގާލައިފަ އެވެ. މިވަގުތު ދެވަނައިގައި އޮތް ގްރީންސްޓްރީޓްސް މިހާތަނަށް ކުޅުނު 14 މެޗުން 23 ޕޮއިންޓް ހޯދާފައިވާ އިރު އެ ޓީމާއި ގާތުން ވާދަ ކުރަމުން އަންނަ އީގަލްސް މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެ ނަމަ އެ ޓީމު ދެވަނައަށް އަރާނެ އެވެ. އީގަލްސް މި ވަގުތު ހަތަރު ވަނައިގައި އޮތީ 12 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

ކާޑު ހަމަވުމުގެ ސަބަބުން ގްރީންގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައި ކުޅުނު މިއަދުގެ މެޗު ފެށިގެން އެ ޓީމުން ދިޔައީ އިދިކޮޅު ނިލަންދޫ ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން އެ ޓީމަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާޢީލް (ފަރޭ) ގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ގްރީންއަށް ޕެނަލްޓީއެއް ދިން ނަމަވެސް، މުހައްމަދު އުމެއިރު ފޮނުވާލި ޕެނަލްޓީ ގޯލްކީޕަރު އިސްމާއިލް ޝަފީއު ވަނީ މަތަކޮށްފައެވެ.

ނަމަވެސް އެއަށް ފަހު ނިލަނދޫން ކުޅުން ރަނގަޅުކޮށް މެޗުގެ 18 ވަނަ މިނެޓުގައި ޓޮޝީކީ އޮކަމޯޓޯގެ ގޯލުން ވަނީ ލީޑު ނަގާފައެވެ. އެކަމަކު 32 ވަނަ މިނެޓުގައި އުމެއިރު ދިން ޕާހަކުން އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ގްރީންއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އައްމަޑޭ ގްރީން ސްޓްރީޓްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ މާގިނައިރުތަކެއް ނުވަނީސް ނިލަންދޫ އިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން ގާނާގެ ފޯވާޑް ލޫކަސް އެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލޫކަސް ވަނީ އެ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ވެސް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

ދެވަނަ ހާފު ބަދަލަކާއެކު ގްރީނުން ފެށިއިރު، މެޗުގެ 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މުހައްމަދު އާރިފް (ބަކާ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިލަންދޫގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ. ނިލަންދޫން މެޗުގައި އަނެއްކާވެސް ލީޑު ފުޅާކުރީ މެޗުގެ 77 ވަނަ މިނެޓުގައި ލޫކަސް ދިން ބޯޅައަކުން ޓޮޝީކީ ކާމިޔާބުކުރި ގޯލުންނެވެ.

comment ކޮމެންޓް