އިންޑޮނޭޝިއާ މީހަކު ރާއްޖެއަށް ދޫކޮށްލި ކުއްޖެއްގެ ރައްޔިތުކަން ކަނޑަނޭޅި ގިނަ ދުވަސްތަކެއް!

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ދެހާސް ބާރަ ވަނަ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކުޑަ އަންހެން ކުއްޖެއްގެ ރައްޔިތުކަން ކަނޑައަޅައިދިނުމަށް އެދި ޖެންޑާއިން ކޯޓަށް ހިނގައްޖެއެވެ.

ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި 11 އަހަރުގެ އަންހެން ކުއްޖަކީ ދިވެހި ރައްޔިތެއް ކަމުގައި ކަނޑައަޅާ ދިނުމަށާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީއާއި ގާނޫނުތަކާ ގަވާއިދުތަކުގެ ދަށުން ލިބެންޖެހޭ އެންމެހާ ހައްގުތައް އެކުއްޖާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޮށްފައިވާ ހުކުމުން އެނގޭ ގޮތުން އެއީީ ދިވެހި ފިރިހެނަކާއި އިންޑޮނޭޝިއާ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ. އަދި ދެމީހުން ކައިވެނިކޮށްފައި ވަނީ ސްރީލަންކާގެ މުސްލިމް މެރިއެޖް ރެޖިސްޓްރާރ މެދުވެރިކޮށް 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިކަން ހުކުމުން އެނގެ އެވެ. ދެމީހުންނަށް ކުއްޖަކު ލިބިފައި ވަނީ ކައިވެނި ކުރިތާ ހަތަރު މަހާއި 20 ދުވަސް ފަހުން، ސެޕްޓެމްބަރު މަހު ކަމަށްވެސް ހުކުމުގެ ހުލާސާ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކުއްޖާ ވިހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މަންމަ ޕާސްޕޯޓު އާކުރުމަށް ކަމަށް ބުނެ، ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި މިހާތަނަށް ވެސް އޭނާ އެނބުރި އައިސްފައި ނުވާތީ، އެކުއްޖާ ބަލަމުން ގެންދިޔައީ އެކުއްޖާގެ މާމަކަން ހުކުމުން އެނގެ އެވެ.

ނަމަވެސް 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުއްޖާގެ މާމަ އެކުއްޖާ ނުބެލޭނެ ކަމަށް ބުނެ ހުށަހެޅުމުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގިކަން ދައުލަތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެ އެވެ.

ކުއްޖާ ދައުލަތަށް ނެގި ފަހުން މިހާރު ހަތް އަހަރު ވެފައިވީ ނަމަވެސް އެކުއްޖާގެ ނަސަބު ސާބިތުނުކޮށް އޮތުމުންނާއި 2010 ވަނަ އަހަރު ކުއްޖާއަށް ހަދާދީފައި އޮތް ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓުގައި ކުއްޖާއަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ދިވެހި ރައްޔިތެއްގެ ދަރިއެއްކަން އެނގެން ނެތުމުން އެކުއްޖާއަށް ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ އައިޑީ ކާޑެއް ހައްދާދީފައި ނުވާ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އަދި މިހާތަނަށް އެއީ ދިވެހި ރައްޔިތުކަން ނުވަތަ އެހެން ގައުމެއްގެ ރައްޔިތުކަން ވެސް ލިބިފައިވާ ކުއްޖަކަށް ނުވާތީ، މިކަމުގެ ހާލަތާއި ޒާތަށް ރިއާޔަތްކޮށް އެކުއްޖާއަކީ ދިވެހި ރައްޔިތެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަލައި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީއާއި ގާނޫނުތަކާ ގަވާއިދުތަކުގެ ދަށުން ލިބެންޖެހޭ އެންމެހާ ހައްގުތައް އެކުއްޖާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ދައުލަތުން ވަނީ ހުށަހަޅައިފައެވެ.

އެކުއްޖާގެ ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓުގައި ކުއްޖާގެ ބައްޕަ ބަޔާންކޮށްފައި ނުވާތީ ކުއްޖާގެ ނަސަބު ސާބިތުކުރުމަށްޓަކައި ޑީއެންއޭ ޓެސްޓް ހަދާފައިވާކަން ދައުލަތުން ހުށަހެޅި މައްސަލައިގެ ހުލާސާ ރިޕޯޓުން އެނގެ އެވެ.

އެ ރިޕޯޓުގައި އެކުއްޖާގެ ޑީއެންއޭ ޕްރޮފައިލް އަކީ ދިވެހި ފިރިހެން މީހާގެ ބަޔޮލޮޖިކަލް ދަރިއެއްގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވޭ ޑީއެންއޭ ޕްރޮފައިލް އެއް ކަމަށާއި އަދި އެ ޕްރޮފައިލް ލިބުމުގައި ދެ ހާލަތެއް ވާކަމަށް ބުނެފައިވެއެވެ. ފުރަތަމަ ހާލަތަކީ ކުއްޖާގެ ޑީއެންއޭ އައިސްފައި ވަނީ ދިވެހި ފިރިހެން މީހާގެ ފަރާތުން ކަމަށްވުމެވެ. އަނެއް ހާލަތަކީ އެކުއްޖާގެ ޑީއެންއޭ އައިސްފައި ވަނީ ކާކުކަން ނޭނގޭ ފިރިހެނެއްގެ ޑީއެންއޭ އިން ކަމަށް ވުމެވެ.

އަދި ދިވެހި ފިރިހެން މީހާގެ ދަރިއަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށާއި އެގޮތުގެ މައްޗަށް ކުއްޖާގެ ނަސަބު ސާބިތުކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓްރީގެ ރިޕޯޓުންނާއި ފުލުހުންގެ ޑީއެންއޭ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ހުކުމްގައިވެއެވެ.

ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ މައްސަލަ މިހާރު ދައުލަތުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ހުށަހަޅައިފައެވެ. އެހެންކަމުން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ފެމިލީ ކޯޓުން އެ މައްސަލައިގައި ވަކިގޮތެއް ނުނިންމަނީސް، ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ ރައްޔިތުކަން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.

comment ކޮމެންޓް