ކުޅިވަރުގެ މާކެޓިންގް އަދި ސްޕޮންސާޝިޕް ވޯކްޝޮޕެއް ބާއްވަނީ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ ވޯކްޝޮޕުގައި ކިޔަވައިދޭނެ ތަޖުރިބާކާރު ސިންޓޯ އަޖްރަމް --- ފޮޓޯ// މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން އަންނަ މަހު ފަށާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕަށް ހާއްސަ ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕް ކުރިއަށް ދާނީ އަންނަ މަހުގެ 27-28 ގެ ނިޔަލަށެވެ. މި ވޯކްޝޮޕްގެ މައުލޫމާތު އޮފިޝަލްކޮށް އިއްޔެ ލޯންޗް ކުރި އިރު މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާގައި އެކަމަށް ހާއްސަ ޕޯސްޓްތަކެއް މިހާރު ވަނީ ޝާއުޢު ކޮށްފަ އެވެ. އަދި އެ ޕޯސްޓުތަކުގައިވާ ލިންކަށް ވަދެގެން ވޯކްޝޮޕަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކުންފުން މައުލޫމާތުދެ އެވެ.

މި ވޯކްޝޮޕުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ތިބި ކުޅިވަރަށް ހާއްސަ ފަރާތްތަކާއި ކުޅިވަރަށް އަހައްމިޔަތުންކަން ދޭ ވިޔަފާރިވެރިންނަށް ސްޕޯޓްސް މެނޭޖްމެންޓާއި، އެކަމުގެ ތަމްރީންތަކުގެ އިތުރުން ކުޅިވަރުތަކުގެ ސްޕޮންސާޝިޕުގެ މައުލޫމާތު ދިނުމާއި ދުނިޔޭގައި ކުޅިވަރުން ޓްރެންޑް ވަމުން އަންނަ ކަން ކަމުގެ މައުލޫމާތު ދިނުމެވެ.

ވޯކްޝޮޕުގައި ބައިވެރުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކުގެ ފީއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ވަނީ ދީފަ އެވެ.

ރާއްޖޭގައި ކުޅިވަރުގެ ދާއިރާއިން ފުންނާބު އުސް ކޯޗުންނާއި މެނޭޖަރުން އުފެދެމުން އަންނަ އިރު މި ވޯކްޝޮޕުގެ ސަބަބުން އަލަށް މި ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ އެވެ. އަދި އެހެންމެ މި ވޯކްޝޮޕުގައި ކިޔަވައިދޭނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމް އެވެ.

ސިންޓޯ އަކީ ބައިނަލް އަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒުރިޗް އިންސޫރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

comment ކޮމެންޓް