ހަށިވިއްކި ކަމުގެ ތުހުމަތުގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މީގެ ކުރިން ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަށިވިއްކި ކަމުގެ ތުހުމަތުގައި މާލެއިން ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" ވިދާޅުވީ، އެމީހުން ހައްޔަރުކޮށްފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 8:45 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ގަލޮޅުގައި ހުރި ގެއަކުން ކަމަށެވެ.

"ގަލޮޅުގައި ހުރި ގެއެއްގެ ދުވަަހު ކުއްޔަށް ދޫކުރާ ކޮޓަރިތަކެއްގެ ތެރޭ ހަށިވިއްކަން ތިބިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ފަސް މީހުންގެ ތެރޭގައި ހިމެނެނީ، ލަންކާ އާއި ތައިލެންޑަށް ނިސްބަތްވާ ދެ އަންހެނުންނާއި ތިން ބަންގަލަދޭޝް ފިރިހެނުން ކަމަށެވެ.

ކްރިމިނަލް ކޯޓަށް އެމީހުންގ ތެރެއިން ހަތަރު މީހުން ބަންދާމެދު ގޮތް ނިންމުމަށް ހާޒިރު ކުރުމުން އެ ކޯޓުން ކޮށްފައިވާ އަމުރުން އެނގޭގޮތުން އެމީހުންގެ ތެރެއިން ތިން މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފަ އެވެ. އަނެކެއްގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނަކާއި އަދި ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންހެނެއްގެ އިތުރުން ތައިލެންޑަށް ނިސްބަތްވާ 35 އަހަރުގެ އަންހެނެކެވެ.

ބަންދު އަމުރުން އެނގޭ ގޮތުން އެމީހުންގެ ތެެރެއިން ބަންގްލަދޭޝްގެ 37 އަހަރުގެ މީހާ ދިރިއުޅެމުން ދިޔައީ އެސްޓިއޯ ސްޓާފް ކުއަޓާގަ އެވެ. އަދި 39 އަހަރުގެ މީހާ ދިރިއުޅެމުން ދިޔައީ ހ. އެތެރެވަރި ގޭގަ އެވެ. އަދި ލަންކާއާއި ތައިލެންޑަށް ނިސްބަތްވާ ދެ އަންހެނުން ދިރިއުޅެމުން ގެންދިޔައީ ގ. ރަންއަލިގޭގަ އެވެ.

ގަޒީ ހުސައިން ފާއިޒު ރަޝާދު ނެރުނު އެ ހަަތަރުމީހުންގެ ބަންދުގެ އަމުރުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ދެމީހުން ބަންދުކުރަން އަމުރުކުރާ ކަމަށެވެ.

އެމާއްދާގައި ބުނެފައި ވާގޮތުން ވަކި ހާލަތެއް މެދުވެރި ވެދާނެ ކަމަށް ފަނޑިޔާރަށް ފެނިއްޖެ ހާލަތުގައި އެ މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް އަމުރުކުރެވިދާނެ އެވެ. އޭގެތެރޭގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން ހިމެނެ އެވެ.

comment ކޮމެންޓް