ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ، ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފި އެވެ.
މިއީ ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްއަށް އައްޔަންކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލް އެވެ.
އާމިނަތު އަބްދުﷲ ދީދީ، ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނެރަލްއަކަށް އައްޔަންކުރެއްވުމާއި ގުޅިގެން އެކަމަނާއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަގާމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.
ޝާހިދު ވިދާޅުވީ ފުރަތަމަ ކޮންސުލް ޖެނެރަލް އަކަށް އަންހެނަކު އައްޔަންވެގެން ދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ އަދި ފަހުރުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މިމަގާމަށް އައްޔަންކުރެއްވި އާމިނަތު އަބްދުﷲ ދީދީ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.
އޭގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި އެހެން ބައެއް މަގާމުތަކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވާފައިވެ އެވެ.
ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޯ ޔުނިވާސިޓީއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި، އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
ރާއްޖެއިން ބޭރު ގައުމެއްގައި ގާއިމުކުރި ފުރަތަމަ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާފައިވާ އިރު، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އަށް މިޝަންއެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.