އާސެނަލާއި އެވަޓަންއަށް ހަމަހަމަ ނިމުމެއް

އާސެނަލާއި އެވަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ// އޭޕީ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މިކެލް އާޓެޓާ، އާސެނަލްގެ ކޯޗަކަށް ހަމަޖެއްސުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން އަތުން އެއްވަރުވެއްޖެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާ އަކުން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައި 23 ޕޮއިންޓާ އެކު އެވެ. މިއީ އާސެނަލް ޕްރިމިއާ ލީގުގައި ވާދަ ކުރަން ފެށިފަހުން މިހާ ދަށު ދަރަޖައަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

އާސެނަލް މިފަހަރުގެ ސީޒަނާއިި ކުރިމަތިލީ ބޮޑު އުންމީދުތަކާ އެކު އެވެ. ނަމަވެސް ސީޒަން ފެށިގެން ދިޔައީ ފޯމު ކަޓާފައި އޮވެގެންނެވެ. އަދި ލީގުގެ ގިނަ މެޗުތަކަކުން ބަލިވެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އުނޭ އެމެރީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު ޓީމާ މިހާރު ހަވާލުވެ ހުރި އާޓެޓާގެ ބެލުމުގެ ދަށުން ރޭ ކުޅުނު މެޗުން އެއްވަރުވި އިރު ގިނަ ބަޔަކު އަންނަނީ އާސެނަލްގެ މެނޭޖްމެންޓަށް ފާޑު ކިޔަމުންނެވެ.

އާސެނަލުގެ އައު ކޯޗު މިކެލް އާޓެޓާ ---

އާޓެޓާއަކީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލަށް ކުޅެ، ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އާސެނަލަށް 2011 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުޅެ، އެޓީމުގެ މެދުތެރޭގައި އިސްދައުރެއް އަދާކުރި އެވެ. އޭނާ 2016ގައި ރިޓަޔާވުމުގެ ކުރިން އެ ކްލަބާއެކު ވަނީ ދެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އާސެނަލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އާޓެޓާ ބުނީ އެކްލަބަކީ އެންމެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށާއި އެކްލަބުގެ ކޯޗެއްގެ ގޮތުގައި ހަމަޖެހުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އާސެނަލުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރޭގެ މެޗުގައި އާސެނަލާ ކުޅެ އެއްވަރުވި އެވަޓަން ވެސް މެޗަަށް ނުކުތީ އެ ޓީމުގެ އައު ކޯޗު ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުންނެވެ. އެންޗެލޮޓީ އެންމެ ފަހުން މަސައްކަތް ކުރި ނަޕޮލީއިން އޭނާ ވަކި ކުރީ އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު މެޗަށް ފަހު އެވެ.

މީގެ އިތުރުން ވެސް ރޭ އިނގިރޭސި ލީގުގައި ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ތާވަލުގެ ދެވަނައަށް އެރުމަށް ހަނގުރާނަ ކުރަމުން އަންނަ ލެސްޓާ ސިޓީއާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު ސިޓީން ވަނީ ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 އިން ކާމިޔާބު ކުރީ މެންޗެސްޓާ ސިޓީ --- ފޮޓޯ// ޑެނިއަލް ލެވިސް

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. ރޭގެ ތިން ޕޮއިންޓާ އެކު ސިޓީން ވަނީ ދެ ވަނައިގައި އޮތް ލެސްޓާއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ލެސްޓާ ދެ ވަނައިގައި އޮތީ 18 މެޗުން 39 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 17 މެޗުން 49 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލެސްޓާ ސިޓީންނެވެ. ލެސްޓާގެ ފޯވާޑް ޖޭމީ ވާޑީ ވަނީ އެ ޓީމަށް ލީޑުނަގައިދީފައި ވަނިކޮށް ސިޓީން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. އެ ގޯލުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒްއާއި އައިކޭ ގުންޑޮވާންގެ އިތުރުން ކެވިން ޑެބްރީނާ އެވެ.

comment ކޮމެންޓް