ވާދަވެރި ކުޅުމަކަށް ފަހު ބްރެޒިލްގެ ފެލެމެންގޯ ބަލިކޮށް އެންމެ ފަހުގެ ޔޫރޮޕް ޗެމްޕިއަން ލިވަޕޫލުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕުގެ ތަށި އުފުލާލައިފި އެވެ.
ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ލިވަޕޫލް ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. ކްލަބް ވޯލްޑް ކަޕުގެ ޓްރޮފީއާ އެކު ލިވަޕޫލުން ވަނީ މި އަހަރުގެ ތެރޭގައި ޖުމުލަ ތިން ޓްރޮފީ ހޯދައިފަ އެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ސުޕަކަޕުގެ ތަށްޓެވެ.
ރޭގެ މެޗު ފެށިގެން ލިވަޕޫލުން ދިޔައީ ހަމަލާތައް ގިނަ ކުރަމުންނެވެ. އެހެން ނަމަވެސް އިދިކޮޅު ފްލެމެންގޯއިން އެ މެޗުގައި ވަނީ ލިވަޕޫލްގެ އެޓޭކް ހުއްޓުވުމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ އެ މެޗުގައި ޖެހި ހަމަ އެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިން ރޮބާޓޯ ފިރްމީނިއޯ އެވެ. އޭނާ އެ ހާފުގައި ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އެ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭއަށް ފެލެމެންގޯގެ ރަފީނާ ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެކަމަކު ވީއޭއާރު ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ރެފްރީ ވަނީ ފަހުން ނިންމައިފަ އެވެ.
ނަތީޖާ ނެރުމަށް ކުޅުނު 15 މިނަޓުގެ ދެ ހާފުގެ ތެރޭގައި ދެ ޓީމުން ވެސް ގޯލެއް ޖަހަން މަސައްކަތް ކުރަމުން ދިޔަ އިރު އެކަން ކާމިޔާބު ކުރެވުނީ ލިވަޕޫލަށެޗެ. ލިވަޕޫލަށް އެ ގޯލު ޖަހައިދިނީ ސެމީ ފައިނަލުގައި ވެސް ފަހު ވަގުތު ގޯލު ޖަހައި އެ ޓީމު ސަލާމަތްކޮށްދިން ފިރްމީނިއޯ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގޮން ކްލޮޕް ބުނީ މެޗުން މޮޅުވުމުން ލިބުނު އުފަލަކީ ބުނެދެން ވެސް ނޭނގޭހާ އުފާވެރި އިހުސާސެއް ކަމަށެވެ.
"އަހަރެން މިހުރީ ހަމަ ބަސް ހުއްޓިފައި. ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރުން މެޗުން މޮޅުވީ. ވަރަށް ރަނގަޅު މެޗެއް މިއަދު [ރޭ] އެ ކުޅުނީ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ވަނީ މި މުބާރާތަށް ދިއުމުގެ ކުރިން ލިވަޕޫލާ އެކު ވެފައިވާ އެއްބަސްވުން 2024 އާ ހަމައަށް އިތުރުކޮށްފަ އެވެ.
"މިއީ ހައްގު މޮޅެއް. މުޅި މެޗު ވެސް ޑޮމިނޭޓްކޮށް ކުޅުނީ އަހަރުމެން. ގޯލް ކީޕަރުން ފަށައިގެން އެންމެ ކުރިއާ ޖެހެންދެން ވެސް ހުރިހާ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް. މިއީ ކުލަބުގެ ތާރީހަށް މުހިއްމު ރެޔެއް." ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ދެން އަނބުރާ ޕްރިމިއާ ލީގުގެ ކުޅުމަށް އަންނަ އިރު އެ ޓީމު އޮތީ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް ވުރެން 10 ޕޮއިންޓް ކުރީގަ އެވެ. ލިވަޕޫލް ދެން އޮތް މެޗުގައި ވެސް ވާދަ ކުރާނީ އެ ޓީމާ އެވެ.